ޚަބަރު

މަސްތުވާތަކެތި ދިން ކަމަށް ބުނެ އަދުހަމް ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކައެއް: ފުލުހުން

އަލީ ޔާމިން

1

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފު ކުރުވުމަށް ފުލުހުން އޭނާއަށް މަސްތުވާތަކެތި ގަނެދިން ކަމަށް ބުނެ މުހައްމަދު އަދުހަމް ދެއްކި ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

އަދުހަމްގެ މައްޗަށް މީގެ ކުރީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އޭނާ ވަނީ ގާސިމް މަރާލީ އޭނާ ކަމަށް އިއުތިރާފު ވެފައެވެ. އަދި ގާސިމް މަރާލީ ގަސްދުގަ ނޫން ކަމަށާއި އޭރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްބުނެ އެ ރޭގެ ހާދިސާ ހިނގައިދިޔަ ގޮތް ވެސް ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ވަނީ ކިޔައިދީފައެވެ.

ނަމަވެސް އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމް މަރާލައިގެން އޭނާގެ މައްޗަށް އިއްވާފައިވާ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި ކުރީ އަޑުއެހުމުގައި އެ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށާއި އެދުވަހު ޝަރީއަތުގެ އަޑުއެހުމަށް ފުލުހުން އޭނާ ގެންދިޔައީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ އިތުރުން އޭނާ ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައި، އެތަކެތި ބޭނުންކުރަން ފުލުހުން މަޖުބޫރުކުރި ކަމަށާއި އަދި ފުލުހުންގެ ހަރަދުގައި ވެސް މަސްތުވާތަކެތި ގަނެދީފައި ބޯންދިން ކަމަށް އަދުހަމް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ، މަސްތުވާތަކެތި ގަނެފައިދިން ކަމަށް ބުނެ ޝަރީއަތުގައި އަދުހަމް ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެއް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ޑްރައިވަރު ގާސިމް މަރާލި މައްސަލައިގައި ދައުވާއަށް އަދުހަމް އިންކާރުކުރި ނަމަވެސް އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުންނާނެ ކަމަށް ފުލުހުން ބުނެއެވެ.

ގާސިމްގެ މައްސަލައިގައި ކުރި ދައުވާއަށް އަދުހަމް އިންކާރު ކުރުމުން ޕީޖީ ހުސެއިން ޝަމީމު ވެސް ވިދާޅުވީ، ގާސިމްގެ މަރުގެ ދައުވާ ލިބޭ އަދުހަމް، އެކަމަށް އެއްބަސް ވުމަށްފަހު، މިއަދު ދައުވާއަށް އިންކާރު ކުރިޔަސް، ހެކީގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްދޭނެ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމުގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައިގައި އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. ނަމަވެސް ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އަދުހަމް ހަދާފައިވާތީ، އެ އެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން މާފު ދީފިނަމަ، އޭނާގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަށް އެއްބަސްވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ބުނަން ވެސް ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟