އަންނަ ހަފްތާގެ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ޒީރޯ ޕްލާސްޓިކް" ރަންގައި ފަސް އަމިއްލަ ޖަމިއްޔާއަކުން ބައިވެރިވާނެ ކަމަށް ދުވުން އިންތިޒާމްކުރާ އައިސީއެސް މޯލްޑިވްސް އިން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އައިސީއެސް މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓާ އައިމިނަތު އިނާން އަލީ ވިދާޅުވީ މިއަހަރުގެ ދުވުމުގައި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ޕްލާސްޓިކް ނޫން ގޮތެއް، ބެނެފިޓް އެމްވީ، ނޯޕްލާސްޓިކް މޯލްޑިވްސް އަދި ކްލީން މޯލްޑިވްސް އިން ބައިވެރިވެފައިވާ ކަމަށެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ދުވުމުގައި ބައިވެރިވުމަށް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީކޮށްފައިވާއިރު އެދުވުމުގައި ރަޖިސްޓަރީވުމުގެ ކަންކަން މިހާރު ވެސް ދަނީ ކުރިއަށެވެ. ޒީރޯ ޕްލާސްޓިކް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޒީރޯ ޕްލާސްޓިކް ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.
އެންމެ ފުރަތަމަ މި ދުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ޖުމުލަ 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
އެދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ބައެއް ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދުވުމުގެ ތެރެއިން ބައިވެރިންނަށް ސެންޓްރަލް ޕާކް ސަރަހައްދުގައި ހުރި ޕްލާސްޓިކް ފަދަ ތަކެތި އެއްކުރުމުގެ ފުރުސަތު ލިބިގެންދިޔައިރު، އެތަނުން ހޮވި ހުރިހާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކުރިއެވެ.
މިދުވުމަކީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުން ނުކޮށް ކުރިއަށްގެންދާ ދުވުމެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުން ވެސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކޮށެވެ.
އައިސީއެސް މޯލްޑިވްސްއިން ބާއްވާ ޒީރޯ ޕްލާސްޓިކް ރަންގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.