ޚަބަރު

ޑރ. އިޔާޒުގެ ރައްދު ނަޝީދަށް: ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނަވާ!

އަލީ ޔާމިން

3

މަޝްރޫހު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދައިވައި ކުރެއްވި ޓުވީޓަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގައިގަތުމަށް ދައުވަތު ދެއްވައި، އެ ދައުވަތު އޭނާ ގަބޫލުކުރައްވާފައި ވަނިކޮށް މަޖިލީހުގެ ބައެއް މެމްބަރުންނާއި ރައީސް ނަޝީދު ވަނީ ޑރ. އިޔާޒް ރާއްޖެ ގެންނަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޑރ. ޕިލިޕްސްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި އިސްލާމީ ގިނަ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އެ ޓުވީޓަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ދީނީ ނަސޭހަތް ރަނގަޅު ގޮތުގައި ދެއްވަން އެނގޭ ބޭފުޅުންނާ އެނޫން ބޭފުޅުން ވަކިކުރައްވަން ނަޝީދަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ނަޝީދަކީ އިސްލާމީ ދީނާ އިދިކޮޅު ބޭފުޅެއް ކަމަށް އިޔާޒު ތުހުމަތު ކުރެއްވިއެވެ.

"ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވޭތޯ ބައްލަވާ.. ފަތަަށް ވެސް ލުއިވާނީ އެ ގޮތް،" އިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ބިލާލް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ޓުވީޓް ކުރެއްވުމުން އެކަމާ އެންމެ ފުރަތަމަ ނުރުހުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

ޑރ. ބިލާލް ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލާ އީވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ އަންހެނުންނަށް އަނިޔާވެރިވުމަށް ޑރ. ބިލާލް ބާރު އަޅާ ކަމަށެވެ. އަދި އޭނާއަކީ ސުލްހަ އާއި ހަމަހަމަކަމުގެ ވާހަކަދެއްކެވުމަށް އެންމެ އެކަށޭނެ ބޭފުޅެއް ނޫން ކަމަށާއި ބިލާލަކީ ޑިމޮކްރަސީއާމެދު ފަނާކުރުވަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިންތި ވެސް ވިދާޅުވީ، ޑރ. ބިލާލަށް ގިނަ ގައުމުތަކަށް ނުވަދޭ ކަމަށާއި އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށެވެ.

ޑރ. އިޔާޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ޑރ. ބިލާލަކީ ދުނިޔެއަށް މަޝްހޫރު އަދި އެތައް ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ، މުޅި އިސްލާމީ އުއްމަތް ގަބޫލުކުރާ އިލްމުވެރިއެއް ކަމަށެވެ. އަދި އެބޭފުޅާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވާހަކަ ދައްކަނީ ހަގީގަތް ނޭނގޭތީ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވަނީ އަންނަ މަހުގެ 12 އިން 18 އަށެވެ. ޑރ. ބިލާލު މީގެ ކުރިންވެސް ވަނީ ރާއްޖެ ވަޑައިގެން މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ދަރުސް ދެއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟