ޚަބަރު

ބިލާލް ފިލިޕްސް ރާއްޖެ ގެންނާކަށް ނުފެނޭ: ނަޝީދު

އަލީ ޔާމިން

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގައިގަތުމަށް ދައުވަތު ދެއްވައި، އެ ދައުވަތު އޭނާ ގަބޫލުކުރައްވާފައި ވަނިކޮށެވެ. އަދި ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް އެމްޑީޕީ މެންބަރުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ބިލާލް ރާއްޖެ ގެންނަން ނިންމާފައިވާތީ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. ޕިލިޕްސްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި އިސްލާމީ ގިނަ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ބިލާލް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ޓުވީޓް ކުރެއްވުމުން އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

ޑރ. ބިލާލް ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލާ އީވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ އަންހެނުންނަށް އަނިޔާވެރިވުމަށް ޑރ. ބިލާލް ބާރު އަޅާ ކަމަށެވެ. އަދި އޭނާއަކީ ސުލްހަ އާއި ހަމަހަމަކަމުގެ ވާހަކަދެއްކެވުމަށް އެންމެ އެކަށޭނެ ބޭފުޅެއް ނޫން ކަމަށާއި ބިލާލަކީ ޑިމޮކްރަސީއާމެދު ފަނާކުރުވަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިންތި ވެސް ވިދާޅުވީ، ޑރ. ބިލާލަށް ގިނަ ގައުމުތަކަށް ނުވަދޭ ކަމަށާއި އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ ޑރ. ބިލާލުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޑރ. އިޔާޒު އަބްދުއްލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ބިލާލަކީ ދުނިޔެއަށް މަޝްހޫރު އަދި އެތައް ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ، މުޅި އިސްލާމީ އުއްމަތް ގަބޫލުކުރާ އިލްމުވެރިއެއް ކަމަށެވެ. އަދި އެބޭފުޅާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވާހަކަ ދައްކަނީ ހަގީގަތް ނޭނގޭތީ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވަނީ އަންނަ މަހުގެ 12 އިން 18 އަށެވެ. ޑރ. ބިލާލު މީގެ ކުރިންވެސް ވަނީ ރާއްޖެ ވަޑައިގެން މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ދަރުސް ދެއްވައިފައެވެ.