ޚަބަރު

ރިޔާސީ އިންތިޚާބުގެ ކުރިން، ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން ކުރީ ސަރުކާރުން މަސައްކަތްކުރި: އިލްޔާސް ލަބީބް

ސީޕްލޭން ޓާމިނަލް ޓީ.އެމް.އޭ އަށް ދޭން އެއްބަސްވުމުގައި، ރިޔާސީ އިންތިހާބުގެ ކުރިން ސޮއިކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އާ ސީޕްލޭން ޓާމިނަލުން 31000 ސްކޮޔަމީޓަރު ދިނުމަށް އެމްއޭސީއެލުން އެއްބަސްވެފަައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މަޝްވަރާ ކުރެވިގެން ކަމަށެވެ.

ކުރީ ސަރުކާރުން މަސައްކަތްކުރީ 16 ސެޕްޓެމްބަރ 2018 އާއި ހަމަޔަށް އައި އިރު ފުރަތަމަ އެގްރީމެންޓް ނިންމާފައި ސޮއިކުރަން ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވުމުން ރިޔާސީ އިންތިހާބަށް ފަހު ރައީސް ހުވާކުރެއްވުމުގެ ކުރިންވެސް އެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް އިލްޔާާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ އޭރު އެގްރީމެންޓުގައި ސޮއި ނުކުރެވުނީ އެއްވެސް އެގްރީމެންޓެއްގައި ސޮއި ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި އޮތުމުން ކަމަށެވެ.

"އިންތިހާބަށް ފަހު ރައީސް ހުވާކުރެއްވުމުގެ ކުރިން އީމެއިލެއް ފޮނުވި ޓީ.އެމް.އޭ އިން މި އެގްރީމެންޓުގައި ސޮއިކުރުމަށް. އެއާޕޯޓްސް ކުންފުނިން މި އެގްރީމެންޓުގައި ސޮއިކުރަން އޭރު އެބޭފުޅުންނަށް ނުކެރުނު. އަޅުގަނޑުމެން އޭރު ޓްރާންސްސިޝަނަލް ކޮމެޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވާފައި އޮތް. އަޅުގަނޑާއި މިހާރުގެ ގަވަރުނަރު އަލީ ހާޝިމް އާއި ދެމީހުން އެއާޕޯޓްސް ކުންފުންޏަށް ދިޔައިން. އޭރުގެ އެމްޑީ އާދިލް އާއި އަޅުގަނޑުމެން ބައްދަލުކުރިން. މުޅި ތަނުގެ ހުރިހައި އަޕްޑޭޓެއް އަޅުގަނޑުމެންނަށް އާދިލް ދެއްވި. ޕްރޮޕޯސަލްތަކާއި ލިޔެކިޔުންތަކާއި ހުރިހައި މައުލޫމާތުތަކެއް ދެއްވި." އިލްޔާސް ވިދާޅުވިއެވެ.

ނަމަވެސް އިލްޔާސްގެ މިވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އަސާސެއް ނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ވާދަވެރި ޕާޓީތަކުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަަ ކަމެއް ކަމުގައެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުތަކުގެ ތެރެއިން ހިނގާ މިއަށް ވުރެ މާ ބޮޑެތި މައްސަލަތައް މިހާރު ވެސް އެބަހުރި. ކެބިނެޓް ތެރޭގައި ތިއްބެވި ބޭފުޅުންނާއި މެދުވެސް ދެކެވޭ ވާހަކަތައް ވެސް އިންތިހާއަށް އެބަހުރި." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެން ނަމަވެސް އިލްޔާސް ވިދާޅުވީ މިވާހަކަތައް ދައްކަވަނީ މިކަމާއި ގުޅޭ ސިޓީތަކުގެ ކޮޕީތަކާއި ލިޔެކިޔުންތައް ހުރެ އޭގެ ތާރީހު ބައްލަވާފައިކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމުގެ މަސައްކަތް ފެށުނީ 2015 ވަނަ އަހަރުކަމުގައި ވިދާޅުވެ އިލްޔާސްވަ ނީ މިކަން ހިނގައިދިޔަ ގޮތް ކަމަށް ފެންނަ ގޮތުގެ ތަފްސީލު ދެއްވާފައެވެ.

"2015 ވަނަ އަހަރު ޖޫން މަހުގެ 15 ވަަނަ ދުވަހު އޭރުގެ އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ އާދިލް މޫސާ ޓީ.އެމް.އޭ ހިމެނޭ ގޮތަށް އެތަނުގައި ވިޔަފާރި ކުރާ ހުރިހައި ފަރާތްތަކާ ބައްދަލުކޮށްފައި ބުނި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއެއް އެބަ އޮތޭ. އެކަމުގެ މާސްޓަޕްލޭނެއް އެކުލަވާލައި އެކަމުގެ މަސައްކަތް ކުރަމުންނޭ މިދަނީ. އެހެންވީމެ އެކަމުގައި ތިޔަ ބޭފުޅުންގެ އެއްބާރުލުން ބޭނުންވެއޭ." މަޖިލީހުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވިއެވެ.

އެ އަހުރުގެ ޖުލައިމަހުގެ ތެރޭގައި ޕްލޭން އެކުލަވާލެވި 2015، 2016 އަދި 2017 ވަނަ އަހަރު އެއާޕޯޓުގައި ވިޔަފާރިކުރާ ފަރާތްތަކާއި އެކު އެމްއޭސީއެލް އިން މަޝްވަރާކޮށް އެބޭފުޅުންގެ ފެސިލިޓީޒް ގާއިމް ކުރާނެ ގޮތްތަކުގެ، ތަންތަނާއި އެކަމުގެ މައުލޫމާތު އެއްކޮށްފައި ވާކަން ލިޔެކިޔުންތަކުން ފެންނަން ހުރިކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވާ ގޮތުން އާ ސީޕްލޭން ކުއްޔަށް ދިނުމާއި ގުޅޭ ފުރަތަމަ ޕްރޮޕޯސަލެއް ޓީއެމްއޭއަށް ފޮނުވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އޭގައި ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރުގެ މުއްދަތައް ކުއްޔަށް ދޭން ލިޔެފައި ވެއެވެ.

ޓީއެމްއޭ އަށް ޖާގަދޭނެ މިންވަރާއި ކުލީގެ ރޭޓު ނުނިމި އޮއްވައި އާ ޓާމިނަލުން 31000 އަކަ މީޓަރު ދިނުމަށް ޓީއެމްއޭ އިން އެދުނެވެ. މިކަން ހާމަވަނީ ޓީއެމްއޭ އިން އެމްއޭސީއެލް އަށް ފޮނުވި ސިޓީއަކުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޓީއެމްއޭ އިން އެދުނު ގޮތް އެމްއޭސީއެލް އިން ގަބޫލުކޮށް އެމްއޭސީއެލް އިން ވެސް ސިޓީއެއް ފޮނުވި ކަމަށާއި މިސީޓީގައި އަކަ މީޓަރަކަށް މަހަކު 10 ޑޮލަރު ދެއްކުމަށާއި އަދި ޕެސެންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އަށް މިލިއަން ޑޮލަރު އެމްއޭސީއެލަށް ދޭން ލިޔެފައި އޮތްކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޓީއެމްއޭ އިން މި އަގަށް އިންކާރުކޮށް ފަހުން ހުށަހެޅީ އަކަ މީޓަރަކަށް ހަތް ޑޮލަރު އަދި ޕެސެންޖަރެއްގެ އަތުން ވެސް ހަތް ޑޮލަރު ނެގުމަށެވެ. ނަމަވެސް އެމްއޭސީއެލްގެ ބޯޑުގެ ނިންމުމަކަށް ވީ އަކަ މީޓަރަކަށް 10 ޑޮލަރު އަދި ޕެސެންޖަރެއްގެ އަތުން ފަސް ޑޮލަރު ނެގުމެވެ.

އާސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް ނިންމުމާއި ގުޅިގެން އޭސީސީންވެސް ވަނީ ތަހުގީގެއް ފަށާފައެވެ. މި މައްސަަލައާ ގުޅގެން އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެމްއޭސީއެލަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެއެވެ.