ޚަބަރު

އާންމުވެފައިވާ ޕާސްވޯޑުތައް ބަދަލުކޮށް، ކޯޕަރޭޓު އީމެއިލުން ސޯޝަލް މީޑިއާ އެކައުންޓުތައް ނުހެދުމަށް އެދެފި

އަލީ ޔާމިން

ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އަދި ޕާސްވޯޑް ލީކުވުމާއި ގުޅިގެން ޕާސްވޯޑުތައް އެ ބަދަލުކުރުމަށާއި މުވައްޒިފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުން ނުކުރުމަށް ޓެކްނޮލޮޖީ މިނިސްޓްރީން އެދިއްޖެއެވެ.

ޑޭޓާ ބުރީޗެއްގެ ސަބަބުން ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އާއި އޭގެ ޕާސްވޯޑުތައް ލީކުވެ، އެ މައުލޫމާތުތައް ދަނީ މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންނެވެ. އީމެއިލް އަދި ޕާސްވޯޑު ލީކުވެފައިވާ ބައެއް ރަސްމީ އިދާރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ މިނިސްޓްރީ ވެސް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ މޯލްޑިވްސް ކަސްޓަމްސް، ހެލްތް މިނިސްޓްރީ، ޕަބްލިކް ވޯކްސް، އައިޖީއެމްއެޗް، އިމިގްރޭޝަން، އިލެކްޝަން ކޮމިޝަން، ފޮރިން މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް އަދި ޓީވީއެމްއެވެ.

އެކަމާއި ގުޅިގެން ޓެކްނޮލޮޖީ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ، ލީކުކޮށްފައިވާ އީމެއިލް އެކައުންޓްތަކަކީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން، އެ މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކޯޕަރޭޓް އީމެއިލް އެކައުންޓްތައްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސޯޝަލް މީޑިއާ ހިދުމަތްތަކުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ފަހަރުތަކުގައި އެފަދަ އެކައުންޓްތަކުގެ އީމެއިލް އަދި ސޯޝަލް މީޑިއާ އެކައުންޓުގައި ބޭނުންކުރި ޕާސްވޯޑް އިންޓަނެޓްގައި ޕަބްލިޝްކުރާ ކަމަށާއި އެކަމުގެ ސަބަބުން ނަހަމަގޮތުގައި އެހެން ފަރާތްތަކަށް އެ އެކައުންޓުތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވި ފޫނުބެއްދޭވަރުގެ ގެއްލުންތައްވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ވީހާވެސް އަވަހަށް ޕާސްވޯޑު ލީކުވެފައިވާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ބަދަލުކޮށް، މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުން ނުކުރުމަށް މިނިސްޓްރީގެ ސާކިއުލާގައި އެދިފައިވެއެވެ.

މީގެ އިތުރުން އޮފީސްތަކުގައި ކޮމްޕިއުޓިން، އިންޓަނެޓް، އީމެއިލް އަދި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލާ އެއްގޮތައް ރަސްމީ އީމެއިލް އެކައުންޓުތައް ގެންގުޅުމަށް އިދާރާތަކުގެ މުވައްޒަފުންނަށް އަންގަވައިދެއްވުމަށް ވެސް ސާކިއުލާގައިވެއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ނޭޝަނަލް ސެންޓަރު ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އިން ހޯސްޓްކޮށްގެން ނޭޝަނަލް ޑޭޓާ ސެންޓަރުން ބަލަހައްޓަމުންދާ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ނަމަވެސް، މި ދުވަސްވަރު ދައުލަތުގެ އިދާރާތަކުގެ ސިސްޓަމްތަކަށް ވަރަށް ގިނަ ސައިބާ އެޓޭކުތައް އަންނަމުންދާ ކަމަށެވެ. އަދި މިފަދަ ސައިބާ އެޓޭކުތަކުގެ ސަބަބުން، ސެކިއުރިޓީ ބަލިކަށިކޮށް ފަރުމާކުރެވިފައިވާ ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު ބޮޑުކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އެހެންކަމުން އެންސީއައިޓީއާ ގުޅިގެން އިދާރާއަކުން ބަލަހައްޓަމުންގެންދާ މުހިންމު ސިސްޓަމްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހަދައި އިތުރަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.