ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު އެކަމަށް އެއްބަސް ވުމަށްފަހު، މިއަދު ދައުވާ އަށް އިންކާރު ކުރިޔަސް، ހެކީގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްދޭމެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމު މިހެން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގަ އާއި، ޝަރިއަތުގެ ފުރަތަމަ އަޑުއެހުމުގައި ޑްރައިވަރު މަރާއިކަމަށް އަދުހަމް އިއުތިރާފު ވުމަށްފަހު، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އިންކާރުކޮށް، އެދުވަހު އެއްބަސްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ބުނެ، ދައުވާއަށް އިންކާރު ކޮށްފައި ވަނިކޮށެވެ.
ޕީޖީގެ ޓްވީޓުގައި ވިދާޅުވީ، އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން. އިން، މިމައްސަލައިގައި ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އިރާދަ ކުރެއްވިއްޔާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދޭނެ،" އަދުހަމްގެ ޝަރިއަތަށް ނިސްބަތް ކުރައްވައި ޕީޖީ ވިދާޅުވިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގަ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އަދުހަމްގެ މައްޗަށް ވަނީ އުފުލައިފަ އެވެ. މި މައްސައިގައި މީގެ ކުރިން އޮތް އަޑުއެހުމުގައި، ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އެއްބަސް ވެފައެވެ.
ނަމަވެސް މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އަދުހަމް ބުނީ ގާސިމް މަރާލީ ގަސްދުގައި ނޫން ކަމަށާއި އޭރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ނަމަވެސް އެރޭ ގާސިމަށް ހަމަލާ ދިނީ ފޭރެން އުޅެނިކޮށް އަޑުގަދަ ކުރުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހާ އަޅާ ބަލާއިރު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ދެއްކި ވާހަކަ ވަރަށް ބޮޑަށް ވަނީ ތަފާތު ވެފައެވެ. މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިއަދު އަޑުއެހުމެއް ބާއްވަން ނިންމީވެސް، މިމަހު 12 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޑްރައިވަރު ގާސިމް މަރާއިލި ކަމަށް އެއްބަސްވެ އަދުހަމް ކުށަށް އިއުތިރާފު ވުމުންނެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެ ތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ، ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި އެއީ އޭނާ ކުރި ކަމެއް ކަމަށެވެ.
ނަމަވެސް މިއަދު އެކަމަށް އިންކާރު ކޮށް އަދުހަމް ބުނީ އޭރު އެކަމަށް އޭނާ އެއްބަސްވީ މަސްތުގެ ހާލަތުގައި ހުރުމުން ކަަމަށެވެ. އަދި އޭނާ ކޯޓަށް ގެންނަނީ މަސްތުވާތަކެތި ދީގެން ކަމަށްވެސް ބުންޏެވެ. އޭނާބުނީ ހޭވެރިކަންވީ މާފުށްޓަށް ބަދަލުކޮށް ކަރެކްޝަން ސާވިސްއާ ހަވާލު ކުރުމުން ކަމަށެވެ.
އަދުހަމް ކުށަށް އިންކާރު ކުރުމުން ދައުލަތުން ވަނީ މައްސަލަ ކުރިޔަށް ގެންދިޔުމަށް އެދިފަ އެވެ. އެހެންކަމުން އަލުން ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ފަށައި ހެކި ހުށަހަޅައި ޝަރުއީ މަރުހަލާތައް ފެށުމަށް ގާޒީ ނިންމެވި އެވެ.