ޖިނާއީ ތުހުމަތު ރައްދުވާ ފަރާތުން ކުށެއް ނުކުރާކަން ސާބިތުވާނީ އެކަމާގުޅޭ އިދާރާތަކުގެ ތަހުގީގަކުން އެކަން ޔަގީން ކޮށްދިނުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު އެހެން ވިދާޅުވީ، އެމްއޭސީއެލް އިން ބޮޑު ހަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، ޓީއެމްއޭއިން 13 މިލިއަން އެމެރިކާ ޑޮލަރު ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ތުހުމަތު ކުރައްވާފައިވާތީއެވެ.
ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެވާހަކަތައް ދޮގު ކުރައްވައިފައެވެ. ވިދާޅުވީ، ޓީއެމްއޭ ނުވަތަ އެހެން ބަޔަކު ވެސް ފައިސާ ދޭން ނޫޅޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރަން ނުވެސް ކެރޭނެ ކަމަށެވެ.
އެކަމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ގާނޫގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަވާން ޖެހޭނެ ކަމަށެވެ. އެގޮތުން ތުހުމަތު ރައްދުވުމުން ފަނޑިޔާރުންގެ މައްސަލަ ވެސް ބެލިގެން ނުވާނެ ކަމަށާއި ފަނޑިޔާރުން ވެސް ތިއްބަވާނީ މަގާމުގައި ކަމަށެވެ.
"ތުހުމަތު ރައްދުވާ ފަރާތުގެ ޖަވާބެއް ނޫން ބަލަންވީ. އެހެންނަމަ ފަނޑިޔާރުން ވެސް ތިއްބަވާނީ މަގާމުގައި. ޖިނާއީ ކުށެއް ނުކުރާކަން ގާއިމް ވާނީ ކަމާއި ގުޅޭ އިދާރާގެ ތަހުގީގަކުން،" ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރިޝްވަތު ދިނުމާއި ދޭން އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ވަކިކަމެއް ވަކިގޮތަކަށް ކުރުވުމުގެ ބޭނުމުގައި އެއްވެސް ބޭފުޅަކު އެމަނިކުފާނާ ރަހުމަތްތެރިވެ ނޫޅުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޝްވަތު ދިނުމާއި ހިފުން، ރިޝްވަތު ދޭން އުޅުން އަދި ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލައި ހުރުމަކީ ވެސް ކުށެއް ކަމަށް ވިދާޅުވިއެވެ.