ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ ދައުވަތަކަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގައިގަތުމަށް ހަމަޖެހިފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ބިލާލް ޕިލިޕްސް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އީވާ މިފަދައިން ވިދާޅުވީ ޔޫތު މިނިސްޓްރީން އެރުވި ދައުވަތު ގަބޫލުކުރައްވައި ޑރ. ބިލާލް ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވާތީ އެކަމަށް ޝުކުރު އަދާކުރައްވައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ބިލާލް ރާއްޖެ ނުގެނައުމަށް ގޮވާލައްވައި އީވާ ކުރެއްވި ޓުވީޓުގައި އެބޭފުޅާއަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ އަންހެނުންނަށް އަނިޔާވެރިވުމަށް ޑރ. ބިލާލް ބާރު އަޅާކަމަށް އިވާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެއިތުރުން ޑރ. ބިލާލަކީ ސުލްހައާއި ހަމަހަމަކަމުގެ ވާހަކަދެއްކެވުމަށް އެންމެ އެކަށޭނެ ބޭފުޅެއް ނޫންކަން ގޫގްލްގެ ކުޑަ ސާޗަކުންވެސް އެނގިގެންދާނެ ކަމަށް އީވާގެ ޓުވީޓުގައި ވެއެވެ.
ޑރ. ފިލިޕްސް އަކީ ޑިމޮކްރަސީ އާއި މެދު ފަނާކުރުވަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައިވެއެވެ. ނަމަވެސް ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުމުވެރިން ވަނީ ޑރ. ބިލާލްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.
އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު އަބްދުއްލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ބިލާލަކީ ދުނިޔެއަށް މަޝްހޫރު އަދި އެތައް ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ، މުޅި އިސްލާމީ އުއްމަތް ގަބޫލުކުރާ އިލްމުވެރިއެއް ކަމަށެވެ. އެބޭފުޅާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވާހަކަ ދައްކަނީ ހަގީގަތް ނޭނގޭތީކަމަށް ޑރ. އިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޑރ. ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުނީ އަންނަ މާޗް މަހުގެ 12 އިން 18 ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ޕްރޮގްރާމަކަށެވެ.
ޑރ. ބިލާލަކީ މީގެ ކުރިންވެސް ރާއްޖެ ވަޑައިގެން މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ވެސް ދަރުސް ދެއްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާވަނީ އިސްލާމް ދީނާއި ބެހޭ ތަފާތު މައުޟޫތަކަށް 50 ހަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ.