އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ދައުވަތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު އިމްރާން އިންޑިއާއަށް ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައި ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިންޑިއާއަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރު އިމްރާން ދެއްވި އިންޓަވިއުއެއްގައި ވަނީ މި ދަތުރުފުޅުގައި އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އަދި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ދާހިލީ ސަލާމަތާއި ގުޅުން ހުރި ކަންކަމުގައި އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ފަހަކަށް އައިސް ދެގައުމުގެ ގުޅުން ހީނަރުވެފައިވާ ކަމަށާއި، މިހާރު އަނެއްކާވެސް ދެގައުމުގެ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިސްނުމުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވަނީ އިންޑިއާގެ ފަރާތުން ރާއްޖޭގެ ފުލުހުންގެ މަސައްކަތް ތަރައްގީ ކުރުމަށް ބޮޑެތި އެހީތެރިކަން ލިބޭކަން ފާހަގަ ކުރައްވާފައެވެ. އަދި މި ދަތުރުގައި އިންޑިއާގެ ފަރާތުން އިތުރު އެހީތެރިކަން ލިބި ދެގައުމުގެ މަސްލަހަތަށް އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދަތުރުގައި މިނިސްޓަރު އިމްރާން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ބައްދަލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ދަތުރުގައިއި މިނިސްޓަރު އިމްރާނުގެ އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.