ޚަބަރު

ދިގު މުއްދަތަކު ލަންކާގައި ހުންނެވުމަށްފަހު ފުއާދު ރާއްޖެ ވަޑައިގެންފި

އަހުމަދު ޖައިޝަން

ތިން އަހަރަށްވުރެ ގިނަ ދުވަހު ސްރީލަންކާގައި ހޭދަކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ފުއާދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ތިން އަހަރާއި ހަތް މަހާއި ފަސް ދުވަސް ހޭދަކުރެއްވުމަށްފަހު މިއަދު ހެނދުނު ހަތެއް ޖަހާއިރަށް މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ރާއްޖެ ވަޑައިގެންފައިވަނީ އީކޭ 473 ގައި މިއަދު ހެނދުނު 07:00ގައެވެ.

ފުއާދު ކުރެއްވި ޓްވީޓުގައި ވަނީ ލަންކާގައި ހުންނެވި މުއްދަތުގައި އެގައުމުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ދުވަސްވަރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވީ ފުއާދުއެވެ.

ފުއާދު ރާއްޖެ ވަޑައިގަތުމާއެކު ބައެއް ފަރާތްތަކުން އަންނަނޯ އޭނާ އަށް މަރުހަބާ ދަންނަވަމުންނެވެ.