ޚަބަރު

ސްޓޫޑަންޓް ލޯނުގެ ފައިސާ ސަރުކާރަށް ދެއްކުމަކީ ފަރުދީ ޒިންމާ އަދާކުރުން: މިނިސްޓަރު ހަސަން

މަރިޔަމް ޝަހުދާ

އެއްބަސްފައިވާ ގޮތަށް ސްޓޫޑަންޓް ލޯނު ސަރުކާރަށް ދައްކަމުން ގެންދިއުމަކީ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި އަމިއްލައަށް ދެއްކެވި ވާހަކައަކާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިމާ ނަގާފައިވާ ފައިސާ އެއްބަސްވެފައިވާ ގޮތަށް ސަރުކާރަށް އަނބުރާ ދެއްކުމަކީ ފަރުދީ ޒިންމާ އަދާކުރުން ކަމަށެވެ. އަދި ސްޓޫޑަންޓް ލޯނުގެ ސަބަބުން ތިމާއަށް ލިބުނު މަންފާ އެހެން ޒުވާނުންނަށް ފޯރުކޮށްދެވޭތޯ މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ސްޓޫޑަންޓު ލޯނު ސްކީމްގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ ކުރިން ދޫކޮށްފައިވާ ފައިސާ ނުލިބި ހުރުމުން ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުވެސް ސްޓޫޑަންޓް ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްފައިވާ އިރު މިހާތަނަށް ލޯނުގެ ފައިސާ އެއްވެސް ގޮތަކަށް ނުދައްކާ ފަރާތްތަކާއި ވަކި ސަބަބަކާއި ގުޅިގެން ފައިސާ ދެއްކުން ހުއްޓާލާފައި ތިބި ފަރާތްތައް އެބަތިބި ކަމަށެވެ.

ހަޔާ އެޑިއުކޭޝަނުން މިހާރު އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލޯނު ނެގުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް "ރިމައިންޑާ ސިޓީ" ތަކެއް ފޮނުވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ފުރުސަތު ހޯދުމަށް ހަޔާ އެޑިއުކޭޝަނުން ލޯނު ސްކީމް ތައާރަފު ކޮށް އެއަށް ކުރިމަތުލުމަށް އިއްޔެ ވަނީ ހުޅުވާލާފައެވެ. އަދި މި ލޯނު ސްކީމުގެ ދަށުން 550 ލޯނުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.