ޚަބަރު

ކަރަންޓީން ކުރި ހަތް ދިވެހިންނަށް އިންޑިއާއިން ދިން މެހުމާންދާރީއަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރައްވައިފި

އައިދާ އަބްދުލް ހަކީމް

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19) އާއި ގުޅިގެން އެގައުމުގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިން ގެނެސް އިންޑިއާގައި ކަރަންޓީންކޮށް ދެއްވި މެހުމާންދާރީއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއަށް ޝުކުރު އަދާކުރައްވައި ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅުނު ދިވެހިން އިންޑިއާގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ރާއްޖެ އައުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މި ހަތް ދިވެހިން ރާއްޖެ ގެނެސްފައި ވަނީ މިއަދުއެވެ.

"ވުހާން ސިޓީން އިންޑިއާއަށް ގެންގޮސް، ކަރަންޓީނު ފުރިހަމަ ކުރި ހަތް ދިވެހީންނަށް އުފަލާއި އެކު މަރުހަބާ ކިޔަން. އެމީހުންނާ މެދު ބެހެއްޓެވި ގާތް ކަމަށް ޓަކައި، އަދި މި ކަމުގައި ދެއްވި ސަޕޯޓަށް ޓަކައި، ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށާއި އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށް ހިތުގެ އަޑީން ޝުކުރު ދަންނަވަން." މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

މި މީހުން އިންޑިއާއަށް ގެންދިޔައީ އެއާ އިންޑިއާގައި، އިންޑިއާގެ ބައެއް ރައްޔިތުންނާ އެކުގަ އެވެ. އިންޑިއާއަށް ގެންގޮސް އެ ހަތް ދިވެހީން ކަރަންޓީނު ކޮށްފައިވަނީ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕް (އައިޓީބީޕީ)ގައެވެ. އެ މީހުން އިންޑިއާއަށް ގެންދިޔުމާއި އެ ގައުމުގައި ކަރަންޓީނުކުރުމުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްފައި ވަނީ އިންޑިއާގެ އެހީގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.