ޚަބަރު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާޙުކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ

އަހުމަދު އައުފް އަބްދުލް ސަމަދު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރުމަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން އާންމުކޮށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ގާނޫނު އިސްލާހުކުރަނީ ޓެކުހުގެ ނިޒާމަކީ ދެފުށް ފެންނަ، ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމަކަށް ހެދުމަށާއި މި ނިޒާމަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލު ކުރެވޭ މިންގަނޑުތަކާ އެއް ހަމައެއްގައި ހުރި ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މި ގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުން ނަމަ މިއަހަރުގެ މާޗުމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓުގެ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ. އަދި ފޮނުވާ އިސްލާހުގެ ޕީ.ޑީ.އެފް ކޮޕީއާއެކު މައިކްރޮސޮފްޓް ވޯޑް ޑޮކިއުމެންޓް ހިމެނުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

2011/10 މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ތަސްދީގު ކުރައްވާފައިވަނި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.