ޚަބަރު

ކުރިނބީ ޕީޕީއެމް ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖަހައި ގެއްލުންދީފި

މަރިޔަމް ޝަހުދާ

ހދ. ކުރިނބީ ޕީޕީއެމް ޖަގަހަޔަށް ބަޔަކު ކަޅުތެޔޮ ޖަހައި ގެއްލުންތަކެއް ދީފިއެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ ރޭގެ ވަގުތެއްގައި އެރަށުގައި ހުންނަ ޕީޕީއެމް ޖަގަހަޔަށް ބަޔަކު ކަޅުތެޔޮ ޖެހިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށް އަފްރާހު ވިދާޅުވިއެވެ.

އަފްރާހު ވިދާޅުވީ ކަޅުތެޔޮ ޖަހައި ގެއްލުން ދީފައިވަނީ ޕީޕީއެމް ޖަގަހަ ތެރޭ ހުރި އިލެކްޓްރޯނިކް ސާމާނަށް ކަމަށެވެ. މިފަދަ ކަންކަން ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މި އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އަފްރާހު ވިދާޅުވިއެވެ.

މި ކަމާގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިނބީ ޕީޕީއެމް ޖަގަހަޔަށް ކަޅުތެޔޮ ޖަހާފައިވާ މައްސަލައެއް ކައުންސިލްގެ ފަރާތުން މިއަދު 9:20 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރުމަށް އެރަށަށް ދިއުމަށް ފުލުހުން ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކުރިނބީ ޕީޕީއެމް ޖަގަހަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެރަށުގެ އެމްޑީޕީ ގޮފިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން އެރަށު އެމްޑީޕީ ގޮފީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ ޕީޕީއެމް ޖަގަހަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި މިއީ އެމްޑީޕީން ތަރުހީބު ދޭ ކަމެއް ނޫން ކަމަށާއި އެމްޑީޕީން ތަރުހީބު ދެނީ ސުލްހަވެރި ހަރަކާތަށް ކަމަށް އެމްޑީޕީން ބުނެއެވެ.