މާލޭގެ މަގުތަކުގެ ހާލަތާއި އެތަންތަނުގައި ޕާކް ކުރުމުގައި ހުރި ދަތިތަކާއި މާލޭގެ ބަނދަރުތަކުގެ ހާލަތު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައްލަވާލައިފި އެވެ.
މާލޭގެ މަގުތަކަށް ވަޑައިގެން މިނިސްޓަރު އެކި ސަރަހައްދުގެ ހާލަތު ހުރިގޮތް ވަނީ ބައްލަވައިފައެވެ. އެ ސަރަހައްދުތައް ބައްލަވައި މިނިސްޓަރު ވަނީ އާންމުންގެ ފަރާތްތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހިޔާލުތައްވެސް ހޯއްދަވާފައެވެ.
މިނިސްޓަރު ވިދާޅުވީ އާންމުންގެ ހާލަތު އެނގޭނީ އެ ސަރަހައްދުތަކަށް ގޮސްގެން ކަމަށެވެ.
"އަމިއްލައަށް އެތަންތަނުގެ ހާލަތާއި އެ ހުރި ދަތިތައް ނުބަލައި ރައްޔިތުން ބޭނުންވާ ހައްލު އެންމެ އެކަށީގެންވާ ގޮތުގައި ގެނެސްދިނުމަށް އުނދަގޫ ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ ހާލަތު ބެއްލެވުމަށް ނަހުލާ ވަނީ ބަނދަރު ސަރަހައްދާއި ތަފާތު މަގުތަކުގެ އިތުރުން ގާޑިޔާ ސަރަހައްދަށް ވެސް ވަޑައިގެންފައެވެ.
މިނިސްޓަރުގެ އަރިހުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އަލީ އާއި ޓްރެފިކް ޑިޕާޓްމެންޓްގެ ހެޑް ހުސައިން ސަމީރުގެ އިތުރުން ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ ބައިވެރިވެވަޑައިގެންނެވި އެވެ.