ޚަބަރު

ޕްރޮބޭޝަނަށް އިތުރު މުއްދަތު ގާނޫނުން ލިބެން ޖެހޭ: ރީކޯ މޫސަ

މަރިޔަމް ޝަހުދާ

ޕްރޮބޭޝަނަށް މިހާރު އޮންނަ މުއްދަތު އިތުރު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށް އޮތް އޮތުމަށް ތާއީދުކޮށް މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

މި ޓުވީޓުގައި މޫސަ ވަނީ ޒިންމާދާރު މަގާމުތަކަށް ގެނެވޭ ބިދޭސީންގެ އަތުގައި ގިނަ ފަހަރަށް ފޭކު ސެޓްފިކެޓު އޮންނަކަން ފާހަގަކުރައްވާފަ އެވެ. އަދި ޕްރޮބޭޝަނަށް ތިން މަސް އޮތުމުން ވަޒީފާދޭ ފަރާތަށް އެހެން ގެންނަ މީހުން އަނބުރާ ފޮނުވާލަން އުނދަގޫވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ އިތުރަށް ވިދާޅުވީ ޕްރޮބޭޝަން މުއްދަތު ހަމަހާއި ހަމަޔަށް އޮތުމުން ވަޒީފާ އަދާ ކުރާ ފަރާތުގެ ހައްގުތައް ވެސް މިހާރަށްވުރެ ބޮޑަށް ހިމާޔަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ގޮތުން ބައެއް ކަހަލަ ވަޒީފާތަކުގައި އެ މުވައްޒަފުގެ ގާބިލުކަން ވަޒީފާ އަދާކުރާ ފަރާތަށް ސާބިތުކޮށްދޭން ތިން މަސް އޮތުމުން، އެ މުއްދަތު ހަމަވުމުގެ ކުރިން އެ މުވައްޒަފުގެ އިވެލުއޭޝަން ހަދަން ޖެހޭ ކަމަށާއި އެގޮތަށް ހެދުމުން، ދާއިމީ ނުވެ ވަޒީފާ ގެއްލޭ މުވައްޒަފުން ވެސް މާގިނަވާ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ޕްރޮބޭޝަން މުއްދަތު އޮންނަނީ ތިން މަހަށް ވުރެ އިތުރުކޮށް ކަމަށާއި އެހެން ހަދާފައި އޮންނަނީ އެ ގަުމުތަކުގެ ތަޖުރިބާއާއި އެކު ދެފަރާތުގެ ހައްގުތަކަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް މޫސަ ވިދާޅުވި އެވެ.

މިހާރު ވަޒީފާއާއި ބެހޭ ގާނޫނުގައި ޕްރޮބޭޝަން މުއްދަތަކަށް އޮންނަނީ ތިން މަހެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ވަޒީފާގެ ގާނޫނަށް ޖުމުލަ 15 އިސްލާހެއް ގެނައުމަށް ހުށަހަށާފައި ވެއެވެ. އެގޮތުން ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުގެ އިތުރުން ވަޒީފާގެ އެއްބަސްވުމުގައި އެއްބަސްވުން ފެށޭ ތާރީހު ކަނޑާލައި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭ ގޮތް، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތު، ޗުއްޓީ ލިބޭ ގޮތް އަދި މުވައްޒަފުގެ އަހުލާގާއި ގުޅޭގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ހިމެނުން ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތާއި ދެމެދު ވަޒީފާގެ ތަފްސީލު އެގްރީމެންޓެއް ހަދައި އެ ހުރިހާ މައުލޫމާތެއް އެ އެގްރީމެންޓުގައި ހިމެނުމަށް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. އަދި މި ފަދަ އެގްރީމެންޓެއް ނެތް ނަމަ ނުވަތަ ނުހަދައިފި ނަމަ ޖޫރިމަނާ ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.