މޫދުގައި ތަނބު ޖަހައިގެން ތަނބު މަތީގައި މަގުތައް ހެދުމަށްފަހު، މޫދުގައި ގެ އަޅައިގެން ދިރިއުޅެވޭ ގޮތަށް ގޯތިދޭ އުސޫލުން އޯވަ ވޯޓާގައި ދިރިއުޅެން ބައެއް ރަށްރަށުން ބިން ދޫކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މިނިސްޓަ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ރަށްރަށުގެ ފަޅު މަތީގައި ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ "ދެން އިންފްރާސްޓްރަކްޗާ ސަރުކާރުން ބިނާކުރާނީ ފަޅުމަތީގައި، އެއީ ނުހިއްކައި ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތަކަށް،" ކަމަށެވެ.
މިނިސްޓަރުގެ އެ ވާހަކަފުޅާ ގުޅިގެން، އޯވަވޯޓާ ދިރިއުޅުމަށް ތައްޔާރުވެ ވަޑައިގަތުމަށް އެދި ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކޮންސެޕްޓް އިތުރަށް ސިފަކޮށްދެއްވިއެވެ.
"އަޅުގަނޑަށް ފާހަގަވި ގޮތުގައި ފަޅުތެރޭގައި ހުންނާނީ، މަގުތައް ހެދިފަ، ދެން ރައްޔިތުންނަށް ބާޑީ ދޫކުރެވޭނެ، ދެން ރައްޔިތުން އެތަންތަނުގައި ބިނާކޮށްގެން ގެދޮރުއެޅުމަށް، މަގުތައް ސަރުކާރުން ހަދާފައި ވާނީ، މަގުތައް ހުންނާނީ ސްޓްރީޓް ނުވަތަ ތަނބުތަކެއްގެ މަތީގައި، އަޅުގަނޑަށް، އިއްޒަތްތެރި ވަޒީރު ތިޔަވިދާޅުވި ތަސައްވުރު ސިފަވާގޮތުގައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަމާބެހޭ އިތުރު ތަފްސީލެއް ދެއްވުމަށް މަޖިލިސް ރައީސް ދެއްވި ފުރުސަތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގައި ބިމުގެ ގޮތުގައި ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށާއި އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
އަސްލަމް ވިދާޅުވީ ފަޅުމަތީގައި ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުމަކީ ގެންގުޅެން ޖެހޭ ވިސްނުމެއް ކަމަށެވެ. އަދި ފަޅުމަތީގައި ގެ އަޅައިގެން ދިރިއުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެކޮންސެޕްޓް ބޭނުން ކުރެވޭނީ ބައެއް ރަށްތަކުގައި ކަމަށާއި، އެއް ފަޅެއްގައި ގިނަ ރަށްތަކެއް އޮތް ބޮޑެތި ފަޅުތައް ހުރި ތަންތަން އެގޮތަށް ބަދަލު ކުރެވިދާނެ ކަމަށެވެ. އެގޮތުން އެއް ފަޅުތަކުން ގޯތި ކަނޑާފައި ގޯތި ދޫކުރެވޭނޭ ކަމަށާއި، ދެން ހުންނާނީ މަގުތައް ބިނާކޮށްދިނުމާއި ފެނާ ނަރުދަމާ އެޅުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަޖިލިސް މެންބަރުން އެދި ވަޑައިގަންނަވާ ނަމަ އެކަމާބެހޭ އިތުރު ވާހަކަތަކާއެކު ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.