އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ ބަލިކޮށް، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފަޑް ބުރިޖުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 23 ވަނަ މިނެޓުގައި ޗެލްސީގެ މިޝީ ބަޓްޝުއާއީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ބަޓްޝުއާއީ ފޮނުވާލި ހަމަލާ އަދި އޭގެ ފަހުން މޭސަން މައުންޓް ދިން ބޯޅައިން ފޮނުވާލި ހަމަލާ ވެސް ޔުނައިޓެޑުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އާރޮން ވެން ބިސާކާ ނަގައިދިން ހުރަހަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ޗެލްސީއަށް ކާޓް ޒޫމާ ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕްލިކުއެޓާ ފައުލުކޮށްފައިވާ ކަމަށެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ. ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޗެލްސީގެ އޮލިވިއާ ޖިރޫގެ ގޯލެއް ފެނިގެންދިޔައެވެ. ނަމަވެސް ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ ޖިރޫ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އިރު، އޭނާ އޮފްސައިޑުގައި ހުރި ކަމަށެވެ.

އެ ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީ އާއި ހަތްވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. ޗެލްސީއަށް 26 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑަށް 26 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ޔުނައިޓެޑުގެ ކުރީގައި އޮތީ ޓޮޓެންހަމް އާއި ޝެފީލްޑް ޔުނައިޓެޑެވެ. ޓޮޓެނަހަމްއަށް 26 މެޗުން 40 ޕޮއިންޓް ލިބިފައިވާ އިރު، ޝެފީލްޑަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.