މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މިނިސްޓަރާއި ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
މިނިސްޓަރު އަސްލަމްއާ މެންބަރު ރިޔާޒު ކުރައްވާ ސުވާލަކީ ތިމަރަފުށީ މަގު ހެދުމަށާއި ތ. ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމަށް މިދިޔަ އަހަރު ބަޖެޓް ކުރެވިފައިވާތީ އެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއެް ސާފު ކުރެއްވުމަށެވެ.
އޭގެ އިތުރުން މާދަމާގެ ޖަލްސާއަށް 14 ބިލެއް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އޭގެ ތެރޭގައި އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ތައުލީމުގެ ބިލާއި އެއްމެދު އިމާރާތުގެ ބިލާއި ފުލުހުންގެ ހިދުމަތުގެ ބިލު ފާހަގަކޮށްލެވެއެވެ.
މާދަމާ ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި "ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން"ގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ކަރަންޓް އަގުހެޔޮކުރުމާބެހޭ ގަރާރު، ރައްޔިތުންގެ މަޖިލީހުންގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާހަގަކޮށްފައިވެއެވެ.