އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފިއެވެ.
އޭސީސީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވަނީ މިއަދުއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީގެ ރިޕޯޓް ލިބިފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެ ރިޕޯޓް މިރޭ އާންމުކުރީ އެއީ ސިއްރު ރިޕޯޓެއް ކަމަށް ކަނޑައެޅުމުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކަކާއި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ މިހާރު އެ ރިޕޯޓު މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކޮށް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެސް އޭސީސީން އާންމުކުރި ޕްރެސް ނޯޓުގައި ވެސް ހުރި ކަންތައްތަކެވެ.