ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ.
ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކް އެޑްވައިޒަރުގެ މަގާމުގައި މިހާތަނަށް ވެސް ހުންނެވި ޑރ. ޖަމީލު "ވަން" އަށް ވިދާޅުވީ، ޖޭޕީން ވަކިވެ، ގާސިމަށް ސިޓީ ފޮނުއްވީ އިއްޔެ ކަމަށެވެ.
ޖޭޕީން ވަކިވާން ނިންމީ ޖަމީލު ވިދާޅުވި ގޮތުގައި، ޖޭޕީއަކީ މިވަގުތު ސަރުކާރު ކޯލިޝަންގެ ޕާޓްނަރަކަށް ވުމާއެކު އެޕާޓީގައި ހުރެގެން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތްތައް ކުރުމަށް ފުރުސަތު ހަނިވެފައިވާތީ ކަމަށެވެ.
ޖޭޕީން ވަކިވެ އެހެން ޕާޓީއަކުން ފެނިދާނެތޯ ސުވާލު ކުރުމުން ޖަމީލު ވިދާޅުވީ، އެކަން ކުރަންޖެހޭ ވަގުތު އައުމުން ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައާއި ގާނޫނީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޖަމީލަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނުގެ ރަނިން މޭޓެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދެއްވާ ޖަމީލު މަގާމުން ދުރުކުރެއްވިއެވެ.
އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދެވި ޑރ. ޖަމީލު ޖޭޕީއާ ގުޅިވަޑައިގަތީ ފެބްރުއަރީ 10، 2018 ގައެވެ. ނަމަވެސް ޖޭޕީ ހިމެނިގެން އުފެއްދި ކޯލިޝަނެއްގެ ތެރެއިން މި ސަރުކާރު ވެރިކަމަށް ގެނައުމަށްފަހު ފަހަކަށް އައިސް ޖަމީލު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އޭނާ ފަހުން މަސައްކަތް ކުރައްވަމުން ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައެވެ.