ޚަބަރު

ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމުތައް ޕްރޮސެސް ކުރުން މެދުކަނޑާލައިފި

1

އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމުތައް ޕްރޮސެސް ކުރުން މެދުކަނޑާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމްތައް ޕްރޮސެސް ކުރުން އިންތިހާބާ ގުޅިގެން މެދުކަނޑާލައިފައިވާ ކަމަށެވެ.

ނަމަވެސް ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިންމު ފޯމްތައް އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލާއި 18 އަތޮޅު ކައުންސިލުގެ އިތުރުން 178 ރަށު ކައުންސިލަށް ޖުމްލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަދި 980 ކައުންސިލަރުންގެ ތެރެއިން 384 ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެއެވެ.

އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލައިފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 141 ފޯމް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް 50 ފޯމް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެއެވެ.

އޭގެ އިތުރުން ރަށްވެހި ވެފައިވާ ތަން ނޫން އެހެން ތަނެއްގައި، ދެ އިންތިހާބުގައި ވޯޓުލާ ނަމަ، ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 27ގެ ނިޔަލަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟