އަލީ ޔާމިން
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމޭއިރު ޒަމާނީ ބައްތިތަކާއެކު ކެމެރާތައް ހަރުކުރެވޭނެ ކަމަށާއި ފެން ހިންދާ ހޮޅިތައް އަޅަން ނުޖެހޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
"މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓް" އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ޝިފާ ވިދާޅުވީ، މި މަޝްރޫއުއާއެކު ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ ކާރޫބާރޫގެ ސަބަބުންނާއި ޕާކުކުރުމުގެ މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އިރުއިރުކޮޅުން މާލޭގެ މަގުތައް ކޮނެ، ރައްޔިތުންނަށް ދިމަވާ ދަތި އުދަނގޫ މައްސަލަ ނިމުމަކަށް ގެނެސް، އިމާރާތް ކުރުމަށް އަޅަންޖެހޭ ފެންހިންދާ ހޮޅިތައް އަޅަން ނުޖެހޭ ގޮތަކަށް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ، ވާރޭކޮޅެއް ވެހިލާއިރަށް މާލޭގެ ސަރަހައްދުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކާ ކުރިމަތިވާ ބޮޑެތި ގެއްލުންތަކުން ސަލާމަތްކުރުމަށް މަޝްރޫއުގެ ފަރުމާތައް ބައްޓަން ކުރެވިފައިވާނެ ކަމަށެވެ.
"މާލޭގެ ބިން ބޭނުން ކޮށްގެން ދެމުންގެންދާ ނަރުދަމާގެ ނިޒާމާއި ކަރަންޓްވިއުގަ އާއި މުވާސަލާތީ ހިދުމަތް ދިނުމުގައި މަގުތައް ހަލާކުނުކޮށް ފަސޭހައިން ކަންކަން ކުރެވޭނެ ފަރުމާއެއް މިއިން ގެނެސްދޭނެ. މާލޭގެ މަގުތައް ފަސް ގިންތިއަކަށް ދަރަޖަކުރެވި، ހަތަރު ފުރޮޅުލީ ބަރު އުޅަނދު ފަހަރާއި ހަތަރު ފުރޮޅުލީ އާދައިގެ އުޅަނދު ފަހަރާއި ދެ ފުރޮޅުލީ އިންޖީނު އުޅަނދު ފަހަރާއި ދެ ފުރޮޅުލީ އިންޖީނު ނުލާ އުޅަނދު ފަހަރާއި ހަމައެކަނި ފައިމަގުގައި ހިނގާފައި އުޅެވޭނެ މަގުތައް ކަނޑައެޅިގެންދާނެ،" ޝިފާ ވިދާޅުވިއެވެ.
މަޝްރޫގެ ސަބަބުން މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާ މޭޔަރު އިތުރަށް ވިދާޅުވީ، މަގުތަކުގައި ޕާކު ކުރެވޭނެ ނިސްބަތް ކަނޑައެޅި ޕާކިން ބިލްޑިންތަކާއި ސަރަހައްދުތައް ކަނޑައަޅާނެ ކަމަށެވެ. އަދި ސްކޫލު ކުދިންނަށާއި އާއްމުންނަށް ހާއްސަ ކުރެވޭ ދެ ބަސް ރޫޓެއް ތައާރަފްކޮށް، ކޮންމެ ގެ އަކުން ވެސް ތިން މިނެޓުން ބަހާ ހަމައަށް ދެވޭ ގޮތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މަގުތައް ފަރުމާ ކުރެވޭނީ ޒަމާނީ ބައްތިތަކާއި ކެމެރާތަށް ހަރުކުރެވިފައިވާ މަގުތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ޖުމްލަ 462 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މާލޭގެ ސަރަހައްދުތަކުގައި 18.08 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ނިންމައިފައެވެ.
އެގޮތުން މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން ވެސްޓް ޕާކް ސަރަހައްދުގެ 1.90 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ނިންމައިފައެވެ. އެއީ އެ ސަރަހައްދުގެ އަށް މަގެކެވެ. އެ ސެގްމަންޓުގެ މަސައްކަތަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.