މާލޭގެ މަގުތައް ހެދުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ އަޑިއޮތް ގޮތް އެނގޭނެ އެއްވެސް ގޮތެއް ނެތުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވެއްޖެއެވެ.
"މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓް" އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޫސާ އަލި މަނިކު ވިދާޅުވީ، މާލެއަށް ހައްލު ލިބުމަކީ މުޅި ރާއްޖެއަށް ވެސް ހައްލު ލިބުން ކަމަށެވެ. ނަމަވެސް މާލޭގެ މަގުތައް ހެދުމުގައި އެތަކެއް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ އަޑި އޮތް ގޮތުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތުން ކަމަަށެވެ.
"އަޅުގަނޑުމެންނަށް މި މަސައްކަތް ކުރާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުން. އެގޮތުން މާލޭގެ މަތި އޮތްގޮތް ފިޔަވައި އެހެން އެއްވެސް އަޅުގަނޑުމެންނަށް އެނގޭކަށް ނެތް. މާލޭގެ އަޑީގައި ހިނގަނީ ކޮން ހަރަކާތެއް ކަމެއް، އެތާނގެ ހޮޅިތަކާއި ނަރުތަކާއި ދެން ދުވެފައިހުރި އެއްޗެހި ދުވެފަ ހުރީ ކިހިނެތް ކަމެއް އަޅުގަނޑުމެންނަށް ސާފުވާނެ ގޮތެއް، އެއްވެސް މައުލޫމާތެއް އެނގޭކަށެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އެމްޑީ މޫސާ އަލި މަނިކު ވިދާޅުވީ، މާލޭގެ ފެނުގެ ފަށަލަ ތިލަވުމުގެ ސަބަބުން ފެން ހިންދުމަށް ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެ އިތުރުން މާލޭގެ މަގުތައް ހެދިފައިއޮތީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި މާލެއާބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތުތައް ކުރިން އެއްކުރެވިފައި ނެތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މާލޭގެ މިހިރަ އުސް އިމާރާތްތަކާއި އަދި އެހެނިހެން ސައިޓުތަކާ މިތަންތަން އިތުރުވެގެންދާ މިންވަރާއި ކުރިއަށް މުސްތަގުބަލުގައި އިތުރުވެގެންދާނެ އަދަދުތަކާ މީކީ އެއްކުރެވިފައި ހުރި މައުލޫމާތުތަކެއް ނޫން،" މޫސާ އަލި މަނިކު ވިދާޅުވިއެވެ.
ނަމަވެސް މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓްގެ ދަށުން މަގުތަކަށް ވެފައި އޮތްގޮތް ސާފުވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ތުރާލަކަށް ނުވާނެހެން މަގު ހެދުމުގެ މަޝްރޫއު ފަސޭހަކަމާއެކު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަގުތައް ހެދުމުގެ މަޝްރޫއުގައި ދިވެހިން ޝާމިލް ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި އެގޮތުން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުން ސައިޓަށް ގޮސް އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއު ފަށަން ހަމަޖެހިފައި ވަނީ ކަނބާއައިސާރަނި ހިނގުމުންނެވެ. އަދި އޭގެ ފަހުގައި ދެމަގުން ދެމަގުން ހަދަމުން ގޮސް ޕައިލެޓް ޕްރޮޖެކްޓް ޖުލައި މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ.
މޫސާ އަލި މަނިކު ވިދާޅުވީ، މާލޭގެ މަގުހެދުމުގެ މަޝްރޫއު އެއްކޮށް ނިމޭއިރު ރައްޔިތުންނާއި ސަރުކާރުން ބޭނުންވާފަދަ ހިތްފަސޭހަ، ފެހި އަދި އަމާން މާލެއެއް ލިބިގެންދާނެ ކަމަށާއި މަޝްރޫއު ނިމުމުން އާރުޑީސީން އުޅެނީ ސަކަރާތްޖަހަން ނޫންކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓަކީ ޖުމްލަ 462 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ މަގުތައް ޖުމްލަ ފަސް ކެޓަގަރީއަކަށް ބަހާލައިގެން ތަރައްގީ ކުރާނެއެވެ. އެއީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ސްޓްރީޓްސްގެ އިތުރުން ޕެޑެސްޓްރިއަން ސްޓްރީޓްސްއެވެ. އަދި މަޝްރޫއުގެ ތެރެއިން އެކި ސަރަހައްދުތަކުން 416 މަގެއް ހަދާނެއެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރާއި ބައިގެ ތެރޭގައެވެ.