ޚަބަރު

މެޖިސްޓްރޭޓް ކަމަށް އަފީފުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިނުމުން: ޖޭއެސްސީ

އިބްރާހިމް ޒަކީ

މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު އިބްރާހިމް އަފީފުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދޮގު މައުލޫމާތު ދިނުމުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން އެހެން ބުނީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ޖޭއެސްސީން ނިންމި ނިންމުމަކީ އަދުލުވެރި ނިންމުމެއް ނޫން ކަމަށް ސުވާލު އުފެދޭ ގޮތަކަށް އަފީފު، އޭނާގެ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓަކާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސީން ކުރި އިއުލާނަކާ ގުޅިގެން އަފީފު ކުރިމަތި ލެއްވި ކަމުގައިވިޔަސް، އިންޓަވިއުއަށް ޝޯޓްލިސްޓުވި ފަރާތްތަކުގެ ތެރޭގައި އޭނާއެއް ނުހިމެނެއެވެ.

ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓް ކަމަށް ކުރިމަލާ ފަރާތްތައް އިންޓަވިއުއަށް ޝޯޓްލިސްޓު ކުރުމަށް މާކްސްދޭނެ ގޮތުގެ ކްރައިޓީރިއާގައި، އިންޓަވިއުއަށް ޝޯޓްލިސްޓުވާނީ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ ފަރާތްތަކަށް މާކުސް ދިނުމުގައި ކޮމިޝަނުން ބަލާ ތައުލީމާއި ތަޖުރިބާ އަދި އިންޓަގްރިޓީގެ ބައިން ކަނޑައަޅާފައިވާ މިންވަރަށް މާކުސް ލިބޭ ފަރާތްތަކަށް ކަމަށެވެ.

ޖޭއެސްސީން ބުނީ، ފަނޑީޔާރު ކަަމަށް ކުރިމަތިލާ ފޯމުގައި އެފަރާތެއް ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކުރަން ޖެހޭއިރު، އަފީފު ހުށަހެޅުއްވި ފޯމުގައި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެފައިވީ ނަމަވެސް ކޮމިޝަނުން ހޯދި މައުލޫމާތުތަކުން ސޯޝަލް މީޑިއާގެ ވަސީލަތްތައް އަފީފު ބޭނުން ކުރައްވާކަން ވަނީ ކަށަވަރު ވެފައެވެ.

އެހެންނަމަވެސް ފަޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމުގައި ދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތު ކަމަށް އިގުރާރުވާން ޖެހޭއިރު އަފީފު ވެސް އިގުރާރުވެ ސޮއިކުރައްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން އަފީފު ޝޯޓް ލިސްޓް ވެފައިނުވަނީ ފޯމުގައި އޭނާ ދީފައިވާ އެމައުލޫމާތަކީ ތެދު މައުލޫމާތު ކަމަށް ނުވާތީ ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ އިންޓަގްރިޓީގެ ބައިން ކަނޑައަޅާފައިވާ މިންވަރަށް މާކުސް ލިބިފައިނުވާތީ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.