ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މިއަހަރު 27 ޒުވާނަކު ގްރެޖުއޭޓް ވެއްޖެއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.
ދިރާގުގެ ސީއީއޯ، އިސްމާއިލް ރަޝީދު ވިދާޅުވީ މިފަހަރު ގްރެޖުއޭޓްވި ޒުވާނުން ވަނީ ދިރާގުގެ ހުރިހާ ދާއިރާތަކުން ތަމްރީނު ހޯދާފައި ކަމަށެވެ. އެ ޒުވާނުންނަށް ތަމްރީން ދީފައި ވަނީ އެކަމަށް ގާބިލު ދިރާގުގެ މުވައްޒަފުން ކަމަށް އިސްމާއީލް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ޕްރޮގްރާމުގެ ދަށުން ހިންގާ އެންމެ މުހިއްމު ޕްރޮގުރާމު ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ބައިވެރިންނަށް ދިރާގުން ކޮންމެ މަހަކު އެލަވަންސެއް ދޭކަން ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިރާގުގައި މަސައްކަތް ކުރުން ލާޒިމްކޮށްފައި ނުވާ ކަމަށެވެ.
އިސްމާއީލް ވިދާޅުވީ މިއީ މިޕްރޮގްރާމް ހިންގި 11 ވަނަ އަހަރު ކަމަށެވެ. މިޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމް ނިންމާ ދަރިވަރުންގެ ތެރެއިން %100 ޒުވާނުން ވަޒީފާތަކުގައި އުޅޭ ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ. ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ކުދިންގެ ސާވޭއެއް ހަދާ ކަމަށާއި އޭގެތެރެއިން ގިނަކުދިން އުޅެނީ ރަނގަޅު ވަޒީފާތަކުގައި ކަމަށާއި އަދި ބާކީ ކުދިން މަތީތަ އުލީމު ފުރިހަމަ ކުރަމުން އަންނަ ކަމަށާއި އަނެއްބައި ކުދިން އަމިއްލަ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އިސްމާއީލް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހުމާން ހަޔަ އެޑިޔުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން ވިދާޅުވީ ދިރާގުން ކުރިޔަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ބައިވެރިން އަތުން އެއްވެސް އެއްޗެއް ނުނަގައި ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން އޮފީސްތަކާއި ކުންފުނިތަކަށް ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގްރެޖުއޭޓްވި ޒުވާނުންނަށް ހަނދާނީ ލިޔުން ދެއްވައިފައެވެ. ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ރަސްމިއްޔާތު ޝަރަފުވެރި މެހުމާނު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުއެވެ.