މިދިޔަ ހޮނިހިރު ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް ފެންއެއްޗެއް އޮއްސައިލި މައްސަލައިގައި އެމަނިކުފާނުގެ ކާރުކޮޅަށް ފެން އެޅިފައިވަނީ ޓެރަހުގައި ހުރި ގަސްތަކަކަށް ފެން ދެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މި ހާދިސާ އަކީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ކާރުކޮޅަށް ފެން އެޅިފައިވަނީ ހެންވޭރު ގެއެއްގެ ކައިރީ ޕާކުކޮށްފައިވަނިކޮށް، އެގޭގެ ޓެރަހުގައި ހުރި ގަސްތަކަށް ފެން ދިނުމުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.
ރައީސް ސޯލިހުގެ ކާރުކޮޅަށް ފެން ޖެހި މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ ހޮނިހިރު ދުވަހު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް، އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން، ޕޯސްޓަރު ހިއްޕުމުގެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމަށް ރައީސް އެ ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
މީގެ ކުރިން ފުލުހުން ވަނީ އެމަނިކުފާނުގެ ކާރުކޮޅަށް ފެން އެޅުނު އިރު އެމަނިކުފާނު ކާރުގައި ނެތް ކަމަށާއި، އެވަގުތު ކާރުގައި އިނީ ހަމައެކަނި ކާރުގެ ޑްރައިވަރު ކަމަށް ބުނެފައެވެ.