ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް، 550 ލޯނުގެ ފުރުސަތު ދިނުމަށް ނިންމައި، ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެކަން އިއުލާން ކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހީމް ހަސަން (ޗަބީ) މީގެ އރުކޮޅެއް ކުރީން ބޭއްވެވި ނޫސް ކޮންފަރެންސެއްގަ އެވެ.
"އަޅުގަނޑުމެން މިފަހަރު އިސްކަންދޭ ތަރުތީބުގައި އެންމެ މުހިންމު އެއް ކަމަކަށް މިއޮތީ މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދިނުން. ދެވަނަ ކަމަކަށް ގެނެސްފައިވާ ބަދަލަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް އުސޫލު ބަދަލުކުރުން. މިގޮތުން ރައްޔިތުން މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ދަރިވަރަކަށް ޝަރުތު ހަމަވާ ނަމަ ލޯނުގެ ފުރުސަތު ފަހިވެގެން ދާނެ" ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަރު ލޯން ސުކީމަށް އެދޭއިރު ސެޓްފިކެޓްތައް އެޓެސްޓު ކުރަން ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިދިޔަ އަހަރު ލޯން ސުކީމަށް ހުޅުވާލި އިރު އަސްލާ އެއްގޮތަށް ތައްގަނޑު ޖަހައިގެން ސެޓްފިކެޓްތައް ހުށަހެޅުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި ކަމަށާއި، ނަމަވެސް މިފަހަރު އެހެން ދިމާ ނުވާނެ ކަަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ ފަސް ދުވަސްތެރޭ އެކަން އެފަރާތަށް އަންގާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރުގެ ލޯން ސްކީމުގައި ސަރުކާރުގެ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށްވެސް ލޯނުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ވޯޓާ އެންޑް ސްވަރޭޖް މެނޭޖްމަންޓް އާއި ސްވަރޭޖް މެނޭޖްމަންޓް، ކްރިއޭޓިވް ޑިޒައިން، ފިޝަރީޒް އެންޑް މެރިން ރިސޯސަސް އަދި އެގްރިކަލްޗާގެ ދާއިރާއެވެ.
މިއަހަރު ފަހުކޮޅުވެސް ލޯނުގެ އިތުރު ފުރުސަތުތަކެއް ހުޅުވާލުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.
މިދިޔަ އަހަރު ލޯން ސުކީމަށް ހުށަހެޅި ދަރިވަރުން މައުލޫމާތު ފުރިހަމަ ނުކުރާ ކަމަށް ބުނެ ވަރަަށް ގިނަ ދަރިވަރުންނަށް ލޯން ނުލިބުމުގެ މައްސަލަ ދިމާވި އެވެ. މިފަހަރުގެ ލޯން ސްކީމަށް 151 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ނުވަ ވަނަ ދުވަހުގެ 1:30 އާ ހަަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ލޯންތައް ދޫކުރާ ދާއިރާތައް:
ޑިޕްލޮމާ ލެވެލް - 45 ފުރުސަތު
ލައިސަންސް ޕްރޮގްރާމްތަކަށް - 30 ފުރުސަތު
ފުރަތަމަ ޑިގްރީއަށް - 252 ފުރުސަތު
މާސްޓާސ - 126 ފުރުސަތު
ޕީއެޗްޑީ - 10 ފުރުސަތު
އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް - 87 ފުރުސަތު