ދިވެހިރާއްޖެ ކިތަންމެ ކުޑަނަމަވެސް އަސްކަރީގޮތުން ރާއްޖެއަށް ކުމަތިވާ ގޮންޖެހުންތައް ވަރަށް ބޮޑު އަދި އެހާމެ ގިނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް( އެމްއެންޑީއެފް)އިން، ބޭރުގެ ބައެއް ގައުމުތަކާއި ގުޅިގެން މިއަދު ފެށި ކޮމާންޑާސް ކޮންފަރެންސް 2020 ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެތަނަށް ބޭނުންވާ އުޅަނދުތަކާއި ތަމްރީނާއި އެހެނިހެން ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކޮންމެ ގައުމެއްގައި ވެސް ސިފައިންނަކީ އެގައުމެއްގެ އައްޑަނަ ކަމަށާއި އެގައުމެއްގެ މިނިވަންކަން ހިމާތްކުރާ އެންމެ ވަރުގަދަ ކިއްލާ ކަމަށާއި ގައުމަކަށް މިނިވަންކަން ހޯދުމަށް ވުރެ ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަކީ ދަތި އުނދަގޫ ކަމެއް ކަމަށެވެ.
ދިވެހި ސިފައިންގެ ކޮމާންޑަރުންނާއި ސިފައިންގެ މުޅި މުއައްސަސާއަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި، ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހާދިސާ ތަކުގައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަގު ނުކުރޭ ކަމަށެވެ. އެކަމަށްޓަކައި މުޅި މުއައްސަސާއަށް ޝުކުރު ހައްގު ކަމަށް ރައީސް ވިދާޅުވިއެވެ.