އިބްރާހިމް ޒަކީ
ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީމުއްދަތު (ޕްރޮބޭޝަން ޕީރިއަޑް) ތިންމަހުން ހަ މަހަށް އިތުރުކޮށް، ޑޮކްޓަރު ސެޓްފިކެޓް ނެތި އެއްދުވަހަށް ވެސް ސަލާމް ނުބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރާނީ، މެންބަރުން އެއަށް ބަހުސްކޮށް އެ ބިލަށް ބޭނުންވާ ހިޔާލު ހޯދައި، އޭގެ އިިތުރުން ރާއްޖޭގެ ހުރިހާ ކަމަކަށް ވިސްނުމަށްފަހު އެންމެ ރަނގަޅު ގޮތަށް ބަދަލު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީފާ އާބެހޭ ބާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލުގައި ހުރި ކަންތައްތައްކަށް ގިނަ ބަޔަކު ފާޑުކަޔަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އަމިއްލަ މެންބަރުންނަށާއި، ޕާޓީތަކަށާއި ޕާޓީތަކުގެ މެންބަރުންނަށް ވެސް މަޖިލީހަށް ބިލު ހުށަހެޅޭ ކަމަށެވެ.
އަދި މަޖިލީހުގައި ބިލުގެ ފުރަމަ ކިއުން ކިޔާއިރު އެ ބިލު ހުށަހަޅާ ގޮތަށް އޮތް ނަމަވެސް މަޖިލީހުގެ ވާޖިބަކީ، އެ ހުށަހަޅޭ ބިލަށް ބަހުސްކޮށް ބަލައި މުތޯލިއާކޮށް، މަޝްވަރާ ކޮށްގެން ގެނެވޭ އިސްލާހު ތަކާއެކު ބިލް ގެޒެޓް ކުރުމަށް ފާސްކުރުން ކަމަށެވެ.
މިސާލެއްގެ ގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހެޅުމުން ފާސްކުތީ 297 އިސްލާހާއެކީ ކަމަށެވެ.
އެހެންކަމުން މަޖިލީހަށް ހުށަހަޅާ ބިލަކީ އެ އޮންނަ ގޮތަށް ފާސްކުރާ އެއްޗެއް ކަމުގައި ނުވިސްނުމަށްވެސް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާބިލުވެސް މަޖިލީހުން ފާސްކުރާނީ މެންބަރުން އެއަށް ބަހުސްކޮށް ހިޔާލު ހޯދައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ރާއްޖޭގެ ހުރިހާ ކަމަކަށް ބަލައި އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.