އަލީ ޔާމިން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)އަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި ބޭނުންވަނީ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ކަމަށް އެ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަރިޔަމް ވަހީދާ ވިދާޅުވީ، މިހާތަނަށް ބްރޯޑްކޮމްގެ އެއްވެސް މެންބަރަކަށް ސިޔާސީ ފިއްތުމެއް އައިސްފައި ނެތް ކަމަށާއި ސިޔާސީ އެއްވެސް ފިއްތުމެއް ކޮމިޝަނަށް އަޔަނުދޭނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ އެންމެ އިންސާފުވެރި ގޮތަށް ކަމަށް ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ބްރޯޑްކޮމްގެ ނައިބު ރައީސް އަހުމަދު ގައިސް ވެސް ވިދާޅުވީ، ކުރީގެ ކޮމިޝަނުން ވަކި މީޑިއާތަކަކަށް ވަކި ކަންތައްތަކެއް ކޮށްފައި ހުރި ނަމަވެސް އާ ކޮމިޝަނަށް، ސަރުކާރުން އަދި ސިޔާސީ އެއްވެސް ފަރާތަކުން ވެސް ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް އަންގާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ކުރީގެ ކޮމިޝަނުން ވަކި މީޑިއާތަކަކަށް ވަކި ކަންތައްތަކެއް ކޮށްފައިހުރި ކަމަށް. ނަމަވެސް އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެން މި ކޮމިޝަނަށް އައިސް މަސައްކަތްތައް މިހާ ހިސާބަށްދާއިރު ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ދައުލަތުގެ އަދި ސިޔާސީީ އެއްވެސް ފަރާތަކުން އަޅުގަނޑުމެންނާ ހަމައަށް ފޯނު ކޯލެއް ކީއްކުރަން އެސްއެމްއެސްއެއްހާ ހިސާބު ވެސް ނާދޭ،" ގައިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބްރޯޑްކޮމްގައި ކުރިން ތިއްބެވި ބޭފުޅުން ކަންތައް ކޮށްފައިވާ ގޮތުން އެ ކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ނުހައްގުން ފިޔަވަޅުތަކެއް އަޅާފައިވާއިރު ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލު ކުރިން އޮތް ގޮތުން ބުލެކްމާކެޓްގައި ބްރޯޑްކާސްޓިން ލައިސަންސްތައް ބޮޑު އަގުގައި ވިއްކަމުންދާ ކަމަށް ގައިސް ވިދާޅުވިއެވެ.
ނަމަވެސް ގައިސް ވިދާޅުވި ގޮތުގައި މިހާރު އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ރައްޔިތުންނާއި ބްރޯޑްކާސްޓަރުންގެ މެދުގައި އެ ކޮމިޝަނަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ.
އެގޮތުން އާ މެންބަރުން ކޮމިޝަނާ ހަވާލުވެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ބްރޮޑްކާސްޓަރުންނާއި ރީބްރޮޑްކާސްޓަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު އެ މަޝްވަރާތަކުން ކުރިން އުނދަގޫ އެތައް ކަމެއް ފަސޭހަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބްރޯޑްކޮމްގެ އަމާޒަކީ ރާއްޖޭގެ ބްރޮޑްކާސްޓިން ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުން ކަމަށެވެ.