ރައީސް އޮފީސް

ފާތޭ އަކީ ރައީސްގެ ޕްރޮޓޮކޯލް އަށް އެންމެ ޕޮރޮފެޝަނަލް އަދި ތަޖުރިބާކާރު ބޭފުޅާ: މުންދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރޮޓޮކޯލް ކަންކަން ކުރެއްވުމަށް ހަމަޖެއްސެވި ފާތުމަތު މުހައްމަދު ސޯލިހު (ފާތޭ) އަކީ އެމަގާމަށް އެންމެ ޕްރޮފެޝަނަލް އަދި އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށް އެންމެ ފަހުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

މުންދު މިހެން މި ވިދާޅުވީ ރައީސްގެ ސޯލިހުގެ ޕްރޮޓޮކޯލް ކަންކަން އިންތިޒާމުކޮށް ބަލަހައްޓަވާ ސެކްރެޓަރީގެ ގޮތުގައި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާފުޅު ކޮއްކޮ، ފާތުމަތު މުހައްމަދު ސޯލިހު ހަމަޖެއްސެވުމާ ގުޅިގެން އެކަމަށް ފާޑު ކިޔައި ބައެއް މީޑިއާ ތަކުންނާއި މީސްމީޑިއާ ގައި ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ.

ނުފޫޒާއި އާއިލީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކުރައްވައިފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް ޚަބަރު ފަތުރާ ފަރާތްތަކަށް މުންދުގެ ޓުވީޓުގައި ވަނީ ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ފާތޭއާ އެކު 18 އަހަރު މަސައްކަތް ކުރިން. އެއީ ވަރަށް ތެދުވެރި އަދި ޕްރޮފެޝަނަލް ބޭފުޅެއް. އެއީ ރައީސް ގެ ޕްރޮޓްކޯލް އަށް އެންމެ ތަޖުރިބާކާރު ބޭފުޅާ." މުންދު ވިދާޅުވި އެވެ.

މުންދުގެ ޓުވީޓުގައި އިތުރަށް ވަނީ، ފާތޭ ރައީސް މައުމޫނު އަދި ރައީސް ޔާމީންގެ ވެރިިކަމުގައި ވެސް ޕްރޮޓޮކޯލް ގައި މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައިފަ އެވެ.