ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއަކީ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުގައި ހުންނެވި ހުސައިން ޖަވާޒު (ޖަވާ) އިސްވެ ހުރެ ސިޔާސީ ބަޔަކާއެކު ހިންގާ ގޭސްގަނޑެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވިދާޅުވެއްޖެއެވެ.
އަސްހަދު އެހެން ވިދާޅުވީ، ސަރުކާރުގެ ބައެއް ވަޒީރުންނަށް ނިސްބަތްކުރައްވައި ހަޑިހުތުރު ބަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ ބޭފުޅަކު ވާހަކަ ދައްކަވާ އޯޑިއޯތަކާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިނިސްޓަރު އަލީ އާއި އަސްހަދު ކަމަށް ބުނާ ދެ ބޭފުޅުން ކޮރަޕްޝަންގެ ސައްލާއެއް ކުރައްވާ އޯޑިއޯއެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ.
އެ އޯޑިއާތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އަސްހަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޯޑިއާތަކުގެ މައްސަލަ ތަހުގީގު ކުރަންވީ ކަމަށާއި އޭރުން ހަގީގަތް އެނގިގެންދާނެ ކަމަށެވެ. އަދި ބުލެކްމެއިލް ކުރެވޭނީ ކުރެވޭވަރު މީހުން ކަމަށް ވިދާޅުވެފައިވެއެވެ.
"އެފްއޭއެމްގެ އިންތިހާބަށް ބައްސާމްއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުކުމެދާނެކަމުގެ ބިރަށް ޖަވާ އިސްވެ ހުރެ ސިޔާސީ ބަޔަކާއެކު ހިންގާ ގޭސް ގަނޑެއް. ތަހުގީގު ކުރަންވީ. ހަގީގަތް ސާފުވާނެ،" އަސްހަދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ޓުވިޓަރު އެކައުންޓަކުން ލީކު ކޮށްލާފައިވާ އޯޑިއޯތަކަކީ ފޯން ކޯލެއްގެ ރެކޯޑިންއެއް ނޫނެވެ. އެއީ އަލީ ވަހީދާއި އައްސަދުގެ އިތުރުން އެހެން ބަޔަކު ތިބެގެން ދެއްކެވި ވާހަކަތަކެކެވެ.
އެގޮތުން މިނިސްޓަރު އަލީ ކަމަށް ބުނާ ބޭފުޅާގެ އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ހުތުރު ބަސްތައް ވަނީ ރައްދު ކުރައްވައިފައެވެ.
ނަމަވެސް އެ އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ބައްޔެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.