ސުޕްރީމް ކޯޓަށް ދެ ކާރު ގަނެދިން ކުންފުންޏަކުން ފޯޖް ކޮށްފައިވާ ލިޔުންތަކެއް ހުށަހަޅައިގެން ޑިއުޓީއަށް މަކަރު ހަދާފައިވާކަން ފަޅާ އަރައިފިއެވެ.
މިކަން ކޮށްފައިވަނީ، ސުޕްރީމް ކޯޓަށް ބްރޭންޑް ނިއު ދެ ކާރު ހޯދުމަށް މިދިޔަ އަހަރުގެ މެދު ތެރޭގައި ކުރި އިއުލާނަކާ ގުޅިގެންނެެވެ. އެ އިއުލާނަށްފަހު އަހަރުގެ ފަހުކޮޅު ކޯޓުން ވަނީ އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ފަރާތައް ކާރު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.
ޖަޕާނުން އެ ދެ ކާރު ގެނައުމަށްފަހު ކަސްޓަމްސް ޑިއުޓީ ކުޑަކުރުމަށް، އެއީ ބޭނުންކޮށްފައިވާ ކާރެއް ކަމަށާއި އެއީ 2017 ވަނަ އަހަރު އުފެއްދި ކާރެއް ކަމަށް ބުނެ ފޯޖުކޮށްގެން (އަސްލެއް ނެތް) ލިޔުންތަކެއް ވަނީ ހުށައަޅައިފައެވެ. ނަމަވެސް އެ ކުންފުނިން ޓްރާސްޕޯޓް މިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނިންމަން ހުށައެޅި ލިޔުންތަކުގައި އެއީ ބްރޭންޑް ނިއު ދެ ކާރު ކަމަށް ވަނީ ބުނެފައެވެ. އަދި އެއީ 2019 ވަނަ އަހަރު އުފައްދާފައިވާ ކާރުތަކެއް ކަމަށް ބުނެ އެ މިނިސްޓްރީއަށް ވަނީ ލިއުންތައް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި، ޓްރާސްޕޯޓް މިނިސްޓްރީން ވަނީ އެ ދެ ކާރު ރަޖިސްޓްރީ ކޮށްދިނުމަށް ދެކޮޅު ހެދުމާއެކު ކަސްޓަމްގެ ސަމާލު ކަމަށް އެކަން ގެނެސްފައެވެ.
އޭގެ ފަހުން އެކަމަކީ އޮޅިގެންވީ ކަމެއް ކަމަށް ބުނެ އަލުން ބްރޭޑް ނިއު ކާރަކަށް ދައްކަންޖެހޭ ޑިއުޓީ ދައްކަން އެކުންފުނިން ވަނީ ކަސްޓަމަށް ހުށަހަޅައިފައެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ދެ އިދާރާއަށް ހުށައެޅި ލިޔެކިޔުންތައް ތަފާތުވުމުން ރަޖިސްޓްރީ ކޮށްދިނުމަށް ދެކޮޅު ހަދައިފައެވެ.
މި ކާރުތަކުގެ މައްސަލަ ފަޅާ އަރާފައިވަނީ ވެސް މިހާރު ލީކުވެގެން އުޅޭ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއިންނެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާގެ އިތުރުން، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ މީހާގެ އަޑު އިވެއެވެ.
އޯޑިއޯގައި އަޑުބަރޭ ބުނަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަނެދޭ ވާހަކައެވެ. އަދި "ބްރޭންޑް ނިއު"ގެ ނަމުގައި އަގު ހެޔޮކޮށް ވެހިކަލްތައް ގަނެސްދޭން ވިސްނާ ކަމަށާއި އެކަން "ފަނި ކުރަން" ބަޔަކު އުޅޭ ކަމަށް ވެސް އޭނާ ބުނެއެވެ.
ފުލުހަށް މައްސަލަ ހުށަހަޅައިފާނެ ކަމަށް ވިދާޅުވުމުން އަލީ ވަހީދު ކަމަށް ބުނާ މީހާ ހަޑިހުތުރު ބަސްތަކެއް ވެސް ބޭނުން ކުރެއެވެ. އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އަމާޒުކޮށް ވެސް އެފަދަ ބަސްތަކެއް ބޭނުން ކުރެއެވެ. އެއަށްފަހު އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ "ކަޓެއް" ނެގުމާގުޅޭ ވާހަކަތަކެއް ދައްކައިފައެވެ.