އިބްރާހިމް ޒަކީ
ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީމުއްދަތު (ޕްރޮބޭޝަން ޕީރިއަޑް) ތިންމަހުން ހަ މަހަށް އިތުރުކޮށް، ޑޮކްޓަރު ސެޓްފިކެޓް ނެތި އެއްދުވަހަށް ވެސް ސަލާމް ނުބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ، ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.
އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލުކު ރެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ ޕްރޮބެޝަން ޕީރިއަަޑަކީ ތިންމަސް ދުވަސް ކަމަށެވެ.
މި ބިލުގައި، ސަލާމް ބުނުމަށް ގާނޫނުގައި މިހާރު އޮންނަ ގޮތް ބަދަލު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ.
މުސާރައާއެކު 30 ދުވަހުގެ ޗުއްޓީއެއް ސަލާމުގެ ޗުއްޓީގެ ގޮތުގައި މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮތް އިރު، ބަލިވެން ސަލާން ބުނާއިރު ޑޮކްޓަރު ސެޓްފިކެޓް ގެންނަން ޖެހެނީ ޖެހިޖެހިގެން ދެދުވަހު ސަލާން ބުނާ ކަމަށްވާނަމައެވެ.
ނަމަވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މުވައްޒިފަކު މަސައްކަތްކުރާ ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް ކޮންމެ މުއައްޒިފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީ އެއް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭން ވާނެ ކަމަށެވެ.
ނަމަވެސް ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒިފަކަށް މަސައްކަތަށް ނުނިކުމެވޭ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒިފަކަށް ސަލާމުގެ ޗުއްޓީ ދިނުން ލާޒިމް ނޫން ކަމަށް ބިލުގައި ވެއެވެ.
މި ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.