ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ ބޭފުޅަކު ސަރުކާރުގެ މިނިސްޓަރުން ތަކަކަށް ހުތުރު ބަހުން ވާހަކަދައްކާފައިހުރި އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާއި ގުޅިގެން މިނިސްޓަރު އަލީގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވަން ފަށައިފިއެވެ.
ޓުވިޓަރު އެކައުންޓަކުން ލީކު ކޮށްލާފައިވާ އޯޑިއޯތަކަކީ ފޯން ކޯލެއްގެ ރެކޯޑިންއެއް ނޫނެވެ. އެއީ އަލީ ވަހީދު ކަމަށް ބުނާ ބޭފުޅާ އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ ބޭފުޅެއްގެ އިތުރުން އެހެން ބަޔަކު ތިބެގެން ދެއްކެވި ވާހަކަތަކެކެވެ.
އެގޮތުން ލީކު ކޮށްލާފައިވާ އޯޑިއޯތަކުގައި މިނިސްޓަރު އަލީ ކަމަށް ބުނާ ބޭފުޅާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ހުތުރު ބަސްތައް ވަނީ ރައްދު ކުރައްވައިފައެވެ.
އޭގެ އިތުރުން މިނިސްޓަރު ނަހުލާއަށް ބޭއަދަބީ ބަސްތަކެއް މިނިސްޓަރު އަލީ ކަމަށް ބުނާ ބޭފުޅާ ރައްދު ކުރާ އޯޑިއޯއަކާއި މިނިސްޓަރު އަލީ އާއި އަސްހަދު ކަމަށް ބުނާ ދެ ބޭފުޅުން ކޮރަޕްޝަންގެ ސައްލާއެއްކުރާ އޯޑިއޯއެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ.
އެ އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ބައްޔެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް އޯޑިއޯތަކުގައި މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ ބޭފުޅާ ދައްކާފައިވާ ވާހަކަތަކަކީ މިނިސްޓަރު އަލީގެ އަޑު ކަމަށާއި އެހެންކަމުން އެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް އާންމުންދަނީ ގޮވާލަމުންނެވެ. އަދި ބައެއް މީހުން ވަނީ ކެބިނެޓުން އަލީ ވަހީދު ބޭރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގޮވާލަމުންނެވެ.
އޭގެ އިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ، މިނިސްޓަރު އަލީ ވަހީދުފަދަ ބޭފުޅެއްގެ އެފަދަ ނާތަހުޒީބީ އަދި ބޭއަދަބީ ކަމެއް ފެނުމަކީ ލަދުވެތިވެ ކަމެކެވެ. އަދި ރައްޔިތުންގެ ކިބައިން އެކަމަށް މިނިސްޓަރު އަލީ ވަހީދު މައާފަށް އެދެންޖެހޭ ކަމަށް ވެސް ގިނަ އާންމުން ދަނީ ބުނަމުންނެވެ.
މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށް އާންމުން ގޮވަމުންދާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި އިހުމާލުވަމުންދާ ކަމަށް ބުނެ އާންމުން ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ. އަދި އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕްރެޝަރާ ގުޅިގެން ޝިދާތާ ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.