މާލޭގެ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުނު ހައްވާ ޒުހާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ބަންގުލަދޭޝް މީހެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޒުހާ މަރާލި މައްސަލައިގައި ދައުލަތުން ކުރާ ދައުވާގައިވަނީ، 6 ޖަނަވަރީ 2016 ވަނަ ދުވަހުގެ ރޭ 12:00 އެހައިކަންހާއިރު ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ސުމޮން މިއާ ޒުހާއާއެކު ޖިންސީ ގުޅުން ހިންގުމަށްފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކަނާތުން ޒުހާގެ ކަރުގައި ހިފައި އޭނާ މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު މަގުމަތީގައި ބޭއްވި ކަމަށެވެ. އެ ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުންނެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހުކުމް އިއްވަވަމުން، ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ޒުހާގެ ކަރުގައި ހިފި ކަމަށް ސުމޮން، ތަހުގީގުގައާއި ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވި ކަމަށެވެ. ނަމަވެސް ފަހުން ޝަރީއަތުގައި އެކަމަށް އިންކާރު ކުރިޔަސް، މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށްފަހު އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ސުމޮންގެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޒުހާ މަރުވެފައިވަނީ ކަރުގައި ހިފައި، ނޭވާ ހާސް ކުރުމުގެ ސަބަބުންކަން އޭނާ ބެއްލެވި ޑޮކްޓަރުގެ ބަހުންނާއި ލިޔުންތަކުން އެނގޭ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވިއެވެ.
ގާޒީ ވިދާޅުވީ އެ ހާލަތުގައި އެއީ ގަސްތުގައި މަރާލުން ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ޒުހާ މަރައިލީ ސުމޮންކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސުމޮންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށްކުރި ގޮތަށް ބަލާއިރު އަދަބުގެ ދެ ދަރަޖަ މަތިކޮށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވަން އެދޭ ކަމަށެވެ.
ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ ޒުހާގެ ވާރިސުންގެ ތެރެއިން، މަރަށް މަރު ހިފަން އޭނާގެ މަންމަ ބޭނުން ނުވާ ކަމަށް ބުނެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން ސުމޮން 15 އަހަރަށް ޖަލަށްލުމާއެކު، މަރުގެ ދިޔައިިގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހުގެ ރޯދަ ހިފުމަށް ސުމޮންއަށް އަންގާ ކަމަށެވެ.