އެމްއެންޑީއެފާއި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިން އެޑްވާންސް ކޯސް"ގެ ދަސްވެނިވުން މިއަދު ބާއްވައިފިއެވެ.
މިއީ ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު މި ކޯސް ހިންގި ފުރަތަމަ ފަހަރެވެ. އެގޮތުން މި މަހުގެ ހަތަރަކުން މިއަދުގެ ނިޔަލަށް ހިންގި އެ ކޯސް ކުރިއަށް ގެންދިޔައީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކުއާޓާޒް، ލ. ކައްދޫގެ އިތުރުން އެއަތޮޅުގެ ބައެއް ރަށްތަކުގައެވެ.
ކޯސް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ބައިވެރިންނަށާއި ކޯސް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމާންޑާ އިންޖިނިއާ ބްރިގޭޑް އޮފް ސްރީލަންކާ، ބްރިގޭޑިއާ ޖެނެރަލް އޭ.އެން އަމަރަސޭކަރައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ސްރީލަންކާ އާމީގެ ޓްރޭނިން ޓީމަށް ހަނދާނީ ފިލައެއް ހަދިޔާކޮށްފައެވެ. މި ހަނދާނީ ފިލާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި ސްރީލަންކާ އާމީގެ ފަރާތުން ހަނދާނީ ފިލައާ ހަވާލުވެ ލެއްވީ ބޮމްބް ޑިސްޕޯސަލް ޓްރޭނިން ކޯހުގެ ހެޑް އޮފް ޓްރޭނިން، ލެފްޓިނެންޓް ކާނަލް ސީ.ޑީ ވިކްރަމަނަޔަކެއެވެ.
އެމްއެންޑީއެފާއި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ހިންގި މި ކޯހަކީ ސިފައިންގެ ހުނަރާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި އަލަށް އެކުލަވާލި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީން"ގެ ދަށުން ކުރިއަށްގެންދިޔަ ކޯހެކެވެ.