އދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ.
މަގާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވަނީ އދ. އިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އދ. އަކީ ރާއްޖެ ތަރައްގީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިއަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކެތަރިން ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ފުރިހަމަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެ ޕްލޭންގައިވާ ތަރައްގީގެ އެޖެންޑާ ހާސިލްކުރުމުގައި އދ.ގެ ފަރާތުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން އދ.ގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައި، ކެތަރިން ހެސްވެލް ވަނީ އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ.