ޚަބަރު

ބިޒްނަސް ކްލާހުުން 60 ޑޮލަރު، ފަސްޓް ކުލާހުން 90 ޑޮލަރުގެ އެއާޕޯޓް ޓެކްސްނަގަން މާދަމާ ބަހުސް ފަށަނީ

އިބްރާހިމް ޒަކީ

1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އެއާޕޯޓްޓެކްސް) ނެގުމުގެ އުސޫލަށް ބަދަލު ގެނެސް، ބިޒްނަސް ކުލާހުން ދަތުރު ކުރާ ފަސެންޖަރެއްގެ އަތުން، 60 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން 90 ޑޮލަރު ނަގަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މާދަމާ ބަހުސް ފަށާނެ އެވެ.

އެއާޕޯޓް ޓެކްސްއަށް މި ބަދަލުތައް ގެންނަން ހުށަހަޅާފައި ވަނީ، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގަ އެވެ.

ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގެ ބިލުގެ ބަހުސް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެއާޕޯޓް ޓެކްސް ނެގުމަށް މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ، ކޮންމެ ބިދޭސީ ފަސެންޖަރެއްގެ އަތުން، 25 ޑޮލަރު، ކޮންމެ ދިވެހި ފަސެންޖަރެއްގެ އަތުން 12 ޑޮލަރު ނަގާ ގޮތަށެވެ.

ކެޓަކަރީތައް ތަފާތުކޮށް، ޓެކްސް ނެގުމުގެ އުސޫލަށް ބަދަލުގެންނަން ސަރުކާރުން ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅާގައިވާ މި ބިލުގައި ވަނީ، މިހާރު ޓެކްސް ނަގަމުންދާ ގޮތަށް ޓެކްސް ނެޣޭނީ އަންނަ މަހުގެ 31 ގެ ނިޔަލަށް ކަމަށް ކަނޑައަޅައިފައެވެ.

އެއަށްފަހު އޭޕްރީލް މަހުގެ އެކަކުން ފެށިގެން، އިކޮނޮމީ ކްލާހުން ދަތުރު ކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރުން ނަގަން ފެށުމަށް ވަނީ ހިމަނައިފައެވެ.

އަދި ބިޒްނަސްކުލާހުން ދަތުރުކުރާ، ދިވެހިންނާއި ބިދޭސީން ތަފާތު ނުކޮށް 60 ޑޮލަރު ނެގުމަށާއި، ފަސްޓް ކުލާހުން 90 ޑޮލަރު ނެގުމަށް ވަނީ ހިމަނައިފައެވެ.

އަދި ޕްރައިވެޓް ޖެޓްގައި ދަތުރު ކުރާ ފަރާތްތަކުގެ އަތުން 120 ޑޮލަރު ނަގަ ހިމަނާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟