ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ލަވަ ކިޔުންތެރިޔާ މުހުތާރު އާދަމް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މުހުތާރު ހޯދަން އިއުލާނު ކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އޭނާ ހޯދަމުން އަންނަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
މުހުތާރު ހޯދަމުން އަންނަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ބަންދުގައި ބަހައްޓައިގެން މުހުތާރު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނީ 2019 އޯގަސްޓް 19ގައި ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި ކޮށްފައިވާ އިއުލާނަށަ އެކޯޓަށް ހާޒިރު ވެފައި ނުވާތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ސިވިލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވަނީ މުހުތާރު ބަންދުގައި ބަހައްޓައިގެން 23 ފެބްރުއަރީ 2020ގެ 13:30ގައި ސިވިލް ކޯޓަށް ހާޒިރުކުރުމަށް ކަމަށެވެ. އަދި މުހުތާރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް ފުލުހުން އެދެއެވެ.