ޚަބަރު

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަ ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ރަށްވެހި ވެފައިވާ ތަން ނޫން އެހެން ތަނެއްގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020ގައި ވޯޓުލާ ނަމަ، ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން، (އީސީ)އިން ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން މިމަހު 27ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށް އީސީން ބުނެއެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ "ރަށްވެހި ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" މެދުވެރިކޮށް ކަމަށް އީސީން ބުނެއެވެ. ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާތަކުގެ އިތުރުން އިންތިހާބާއި ބެހޭ މަރުކަޒުން މި ފޯމު ލިބޭނެ ކަމަށް އީސީން ބުނެއެވެ. އަދި އިލެކްޝަންސްގެ ވެބްސައިޓު (www.elections.gov.mv) އިން ވެސް މި ފޯމު ލިބޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުން ކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ވާނެ ކަމަށް އީސީން ބުނެއެވެ. އަދި ރަޖިސްޓަރީ ވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުން ކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއްވެސް ފޯމާއެކު ހުށަހަޅަން ޖެހޭނެ ކަމަށް އީސީން ބުނެއެވެ. އެއްފަހަރާ މީހަކަށް ހުށަހެޅެނީ 10 ފޯމު ކަމަށާއި، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ފޯމު ބަލައި ނުގަނެވޭނެ ކަމަށް ވެސް އީސީން ބުނެއެވެ.

ރަސްމީ ދުވަސްދުވަހު ރަޖިސްޓަރީ ކުރުން ކުރިއަށް ދާނީ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން 3:00ގެ ނިޔަލަށް ކަމަށް އީސީން ބުނެއެވެ. އަދި ރަސްމީ ބަންދު ދުވަސް ދުވަހު ކުރިޔަށް ދާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 ކަމަށް އީސީން ބުނެއެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަށް ސަރަހައްދަކުންނެވެ. އެއީ:

  • އިންޑިއާގެ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީސް
  • އިންޑިއާގެ ނިއުދިއްލީގެ ދިވެހިރާއްޖޭގެ ހައިކޮމިޝަން
  • ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
  • މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
  • އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
  • ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
  • ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
  • ބަންގްލަދޭޝުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

މި ތަންތަނުގައި ރަޖިސްޓްރީވުމަށް ހުށަހަޅާނީ މަޖިލިސް އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން އެދޭ ފަރާތްތަކުން އެކަނި ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ދާއިމީ އެޑްރެސް ނޫން ތަނަކަށް ވޯޓުލާން ބޭނުން ނަމަ މި މުއްދަތުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.