ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްކަކަށް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުން

އަހުމަދު ވަޖީފު

ގަލޮޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށް ނެޝަނަލް ޑިސާސްޓާ މެނޭޖުމަންޓުން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ގަލޮޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ހަ ފިރިހެނަކަށް އެ ސެންޓަރުގެ އުސޫލާއި ގަވައިދުގެ މަތިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށް ދެ ރޭގެ ހުރުން ހަމަ ޖައްސާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލިފާނުގެ ހާދިސާގައި އަންނައުނު އަނދާފައި ވާތީ ކޮންމެ މީހަކަށް 1500 ރުފިޔާ ހަމަޖައްސާފައި ވާނެ ކަމަށެވެ.

ހިސާން ވިދާޅުވީ އެ ސެންޓަރުގެ ހަމަތަކާއީ އުސޫލުގެ ދަށުން ދެރެޔަށް ހުރުމާއި ކެއުން ހަމަޖެއްސީ އެތަނުގައި ކަރަންޓް ނެތުމާއި، އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ހުރުމުން އެތަނަށް ނުވަނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައި ވާތީ ކަމަށެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގ. ޕްރެސައިޑުގައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާއިރު އަލިފާން ރޯވެފައި ވަނީ އެގޭގެ ސިޓިން ރޫމުގައި ހުރި ކަރަންޓު ޑީ ބޯޑެއްގައި ކަމަށާއި އަލިފާނުގެ އަސަރު ދޮންނަ މެޝިނަށް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އަދި އެ ހާދިސާގައި ބައެއް އަންނައުނު އަނދާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.