އިބްރާހިމް ޒަކީ
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ގާނޫނުން އާއްމުކޮށް ހުޅުވާލުމަށް ހުށަހަޅައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައިގެން ގާނޫނުން މި ފުރުސަތު ހުޅުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
މިހާރު ގާނޫނުގައި ބުނަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަން ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.
އެގޮތަށް ހިިމަނާފައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ ފުލުހުންގެ ގާނޫނުގައެވެ. އެގާނޫނުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ދީފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން ހަސަން ލަތީފު ގެންނަ ބަދަލުގައި ބުނެފައިވަނީ، "ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭ ކޮންމެ ހާލަތެއްގައި، އެކަމަށް އެދޭ ފަރާތްތަކުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމިަތިލާން ޕްރޮމޯޝަން ބޯޑުން ހުޅުވާލަން ވާނެ" ކަމަށެވެ. އަދި އެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މީހަކު އައްޔަން ކުރައްވާނީ ޕްރޮމޯޝަން ބޯޑުން ވަޒަން ކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ.
ބިލްގައި ބުނެފައިވަނީ، ކޮމިޝަނަރު އައްޔަން ކުރެވޭނީ ހަތަރު އަހަރު ދުވަހުގެ ދައުރަކަށް ކަމަށެވެ. އެ ދައުރު ފުރިހަމަ ވުމުން ހަތަރު އަހަރުގެ އިތުރު އެއް ދައުރަށް އޭނާ އެ މަގާމަށް އައްޔަން ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ބިލުގައި ބުނެފައިވަނީ ކޮމިޝަނަރު މަގާމުން ވަކި ކުރެވޭނީ، އޭނާ އެ މަގާމުން ވަކި ކޮށްދިނުމަށް އެދި މިނިސްޓަރު ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށެވެ. ނަމަވެސް ކޮމިޝަނަރު މަގާމުން ވަކި ކުރުމަށް މިނިސްޓަރަށް، ރައީސުލް ޖުމްހޫރިޔާ އަށް ހުށަހެޅޭނީ ވަކި ހާލަތްތަކެއްގައިކަން ބަޔާންކޮށް އެހާލަތު ބިލުގައި ތަފްސީލުކޮށް ވަނީ ހިމަނައިފައެވެ.
މިބިލުގައި ބުނެފައިވަނި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރުމަށްވެސް ހިނގާނީ ކޮމިޝަނަރު އައްޔަން ކުރުމާއި ވަކި ކުރުމާ ގުޅޭ ގޮތުން ހިމަނާފައިވާ އުސޫލުތައް ކަމަށެވެ.
މި ބިލުގައި ވާ ގޮތުން ކޮމިޝަނަރުން އައްޔަން ކުރުމުގެ ކަންތަކުގައި ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، ފުލުހުންނަށް މަގާމުގެ ކުރިއެެރުން ދިނުމާއި، މަގާމުގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމާއި، މިނިސްޓަރަށް ލަފާ ދޭން ޖެހޭ ކަންކަމުގައި ލަފާ ދިނުމަށް އުފައްދާ ޕްރޮމޯޝަން ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ބިލުން ދީފައިވަނިީ އޭރަކު ހުންނަވާ ޕޮލިސް ކޮމިޝަނަށެވެ.
މި ބިލުގައި ފުލުހުންގެ ހުވަޔަށްވެސް ބަދަލު ގެންނަން ހުށަހަޅާފައި ވެއެވެ.