އިބްރާހިމް ޒަކީ
ރޭ މާލޭގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި 26 އަހަރުގެ ޒުވާނަކު މަރުވެފައި ވާއިރު، އޭނާ މަރުވީ ގަސްދުގައި ސައިކަލެއްގައި ޖެއްސުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ މި ހާދިސާއާ ގުޅިގެން، ބުރުޒު މަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ އެހެން ސައިކަލަކުން ޖައްސައި، އެކްސިޑެންޓް ކޮށްލާފައިވާ މައްސަލަ ހުށަހަޅާފައި ވަނީ ރޭ 10:28 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗަަށް ގެންގޮސްފައި ވަނިކޮށް، ރޭ 1:45 އެހާކަންހާއިރު އެމީހާ މަރުވި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"ވަން އޮންލައިން" އަށް މައުލުމާތު ލިބިފައިވާ ގޮތުގައި ރޭގެ އެކްސިޑެންޓްގައި މަރުވީ މުހައްމަދު މިދުހަތު ކިޔާ ޒުވާނެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ސައިކަލުގެ ފަހަތުގައި 22 އަހަރުގެ ދިވެހި އަންހެނެއް އިން ކަމަށެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އެތަނުން، އަންހެން މީހާ އައިޖީއެމްއެޗަށް، ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށެވެ.
މި އެކްސިޑެންޓްގައި ދެ ސައިކަލަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.