ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ފުލުހުުން ދޫކޮށްލާފައިވާ ކަމަށާއި އެއީ ގާނޫނީ ކުށެއް ކަމަށެވެ. އެފަދަ މީހުންގެ ސަބަބުން މުޖުތަމައު އަނެއްކާވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމަށެވެ.
ޖެންޑާ ކޮމިޓީން ކުރަމުން އަންނަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ނުނިމި ލަސްވަނީ ކީއްވެގެންތޯއާއި އަނިޔާ ލިބޭ ކުދިންނަށް އިންސާފު ލިބުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކަމަށް ޖީހާން ވިދާޅުވި އެވެ. އެކޮމިޓީން ބެލި ބެލުމުން އެނގުނު ގޮތުގައި ހުށަހެޅިތާ 10 އަހަރުވެފައިވާ ބައެއް މައްސަލަތައް ކޯޓުތަކުގައި އެބަހުރި ކަމަށާއި އަދި ބައެއް މައްސަލަތައް އެކަށީގެންވާ ހެކި ނެތިގެން ޕީޖީން އަބުރާ ފޮނުވާލާފައިވާކަން ޖީހާން ފާހަގަކުރެއްވިއެވެ.
ޖީހާން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅި 70.46 ޕަސެންޓު މައްސަލައިގައި އެ މައްސަލަތައް ނިންމުމަށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ނަގާފައިވާ ކަމަށާއި ފާއިތުވި 15 އަހަރުގެ ރެކޯޑުތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 3135 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ކޯޓާ ހަމައަށް ގޮސްފައިވަނީ 1085 މައްސަލަ ކަމަށާއި ސާބިތު ވެފައިވަނީ ތިންބައިކުޅަ އެއްބައި މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖީހާން އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ފުލުހުން ތަހުގީގުކޮށް ޕީޖީއަށް ފޮނުވަނީ ފުލުހުންގެ އިދާރާއިން ހިންގާ ތަހުގީގުން އެބޭފުޅުންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ޔަގީން ވުމުން ކަމަށާއި އަދި ޕީޖީން މައްސަލަތައް ކޯޓަށް ފޮނުވަނީ އެ މައްސަލައިގައި ކުށް ސާބިތުވާނެކަން ޔަގީން ވުމުން ކަމަށެވެ. ނަމަވެސް ކޯޓުން މައްސަލަ ނިމޭއިރު ކުށް ސާބިތުނުވެ ގިނަ މައްސަލަތައް ނިމޭ ކަމަށާއި އެހެންވުމުގެ ސަބަބުން ކުށް ކުރާ ފަރާތްތައް އަނެއްކާވެސް މުޖުތަމައަށް ދޫވެ މުޖުތަމައު ނުރައްކަލަށް ހުށަހެޅިގެންދާކަން ޖީހާން ފާހަގަކުރެއްވިއެވެ. އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްސަލަ ތަކުރާރުކޮށް އައިސްފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.