ޚަބަރު

ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މިރޭ ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެއްކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

ބުރުޒު މަގުގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މިދުހަތު މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އެކަމާ ގުޅޭގޮތުން ފުލުހުން އަދި އައިޖީއެމްއެޗްގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.

އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެ އެކްސިޑެންޓުގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.