ޚަބަރު

ހުތުރު ބަހުން ވާހަކަދައްކާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން: އަލީ ވަހީދު

އައިދާ އަބްދުލް ހަކީމް

1

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުތުރު ބަހުން ވާހަކަދައްކަވާ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އަޒުމު ނުގުޑާނެ ކަމަށެވެ.

ދައުރުކުރާ އޯޑިއޯތަކާ ގުޅިގެން ހިތްވަރު ބައްޔެއް ނުކުރެވޭނެ ކަމަށާއި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދައުރުކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން މި އަޒުމެއް ނުގުޑާނެ. އަދި ހިތްވަރެއް ބައްޔެއް ވެސް ނުކުރެވޭނެ. ހައްގަށް އަބަދަވެސް ނަސްރު ލިބޭނެ، އިންޝާﷲ،" މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ މިނިސްޓަރު އަލީ ވަހީދު ދައްކަވާ ވާހަކައެއް ކަމަށް ބުނާ އެ އޯޑިއޯގައި ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އެޅީ މިނިސްޓަރު އަލީ ވަހީދު ކަމަށާއި ހެލްތު މިނިސްޓަރު އަމީން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟