ގއ. ގެމަނަފުށި ކުނިގޮނޑުގައި ބަޔަކު ރޯކޮށްލައިފިއެވެ.
އެރަށު ރައްޔިތަކު "ވަން"އަށް މައުލޫމާތުދެމުން ބުނީ މިއަދު ހަވީރު 5:00 ހާއިރު އަލިފާން ރޯވާން ފަށާފައިވާ ކަމަށެވެ.
ރައްޔިތުންނާއި އެރަށު ކައުންސިލް ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އަލިފާންގަނޑު އަދި ކޮންޓްރޯލްވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:30 ހާއިރު ގެމަނަފުށި ކުނިގޮނޑުގައި ބަޔަކު ރޯކޮށްލުމުގެ ސަބަބުން އަނދަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުންނާއި ކައުންސިލް ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްނުކުރެވިގެން ގއ. ވިލިނގިލިން ފުލުހުންގެ ޓީމެއް ގޮސް، ގެމަނަފުށީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ގެމަނަފުށި ކުނިގޮނޑުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ލިބިފައިވަނީ މިރޭ 9:57 ހާއިރު ކަމަށެވެ.
ކުނިގޮނޑު ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށްވީ ނަމަވެސް ދުމުގެ އަސަރު ގޭގެއަށް ފޯރާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިހާރު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި ނަމަވެސް އެއްކޮށް ނިއްވާލުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.